އެންމެ ބޮޑު މައްސަލައަކީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ކަމަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ހެދި ސަވޭއެއްގައި ރާއްޖެއިން ބައިވެރިވި 90 ޕަސެންޓް މީހުން ބުނެފި އެވެ.

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ނެރުނު "ގްލޯބަލް ކޮރަޕްޝަން ބެރޯމީޓަ- އޭޝިއާ" ރިޕޯޓުގައިވާ ގޮތުން އޭޝިއާ ގައުމުތަކުގެ ތެރެއިން ކޮރަޕްޝަންގެ ހާލަތު އެންމެ ގޯސް ގައުމުތަކުގެ ލިސްޓުގެ ތިން ވަނާގައި ދިވެހިރާއްޖެ ހިމެނެ އެވެ.

އެ ސާވޭ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖެއިން ބައިވެރިވި 1،031 މީހުންގެ ތެރެއިން 90 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑު މައްސަލައަކީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން ކަމަށެވެ.

ޓްރާންސްޕޭރަންސީގެ ރިޕޯޓުގައިވާ ގޮތުން ކޮރަޕްޝަން ހުއްޓުވުމަށް ދިވެހި ސަރުކާރުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް 53 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ. އަދި މިދިޔަ އެއް އަހަރުގެ ތެރޭގައި ކޮރަޕްޝަން ހިންގި މިންވަރު އިތުރުވެފައިވާ ކަމަށް 53 ޕަސެންޓް މީހުން ބުނެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި 24 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުން މިދިޔަ އެއް އަހަރުގެ ތެރޭގައި އިތުރު އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެންމެ ކޮރަޕްޓް ގައުމުތަކުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑަށް ކޮރަޕްޓް ވެފައި ވަނީ މަޖިލީހާއި ސެނެޓުގެ މެމްބަރުންނެވެ. އަދި ލޯކަލް ގަވަރުމަންޓް އޮފިޝަލުންނާއި ސަރުކާރުގެ އޮފިޝަލުންނާއި ފުލުހުން ވެސް ހިމެނެ އެވެ.

އެ ސާވޭގައި ބުނެފައި ވަނީ ރާއްޖޭގައި ދެ ޕަސެންޓް މީހުން ފުލުހުންނަށް ރިޝްވަތު ދިން ކަމަށެވެ. އަދި އާއްމު ހިދުމަތް ހޯދުމަށް ދެ ޕަސެންޓް މީހުން ރިޝްވަތު ދިންއިރު، އާއްމު ހިދުމަތް ހޯދުމަށް ޕާސަނަލް ގުޅުން 15 ޕަސެންޓް މީހުން ހޯދިއިރު، ވޯޓު ހޯދަން 18 ޕަސެންޓް މީހުންނަށް ހުށަހެޅި އެވެ. ޖިންސީ އުފާ ހޯދަން ދެ ޕަސެންޓް މީހުންނަށް ރިޝްވަތު ހޯދި ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ޖަމިއްޔާގެ ސާވޭއިން ދައްކާ ގޮތުގައި މިހާތަނަށް ކޮންމެ 5 މީހަކުން އެކަކު މިއަހަރުގެ ތެރޭގައި ސިއްހީ އަދި ތައުލީމީ ދާއިރާއިން ހިދުމަތް ހޯދުމަށް ރިޝްވަތު ދީފައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮރަޕްޝަނާއި، ރިޝްވަތު އޮތް ހާލަތު ދެނެގަތުމަށް މިއަހަރުގެ މާޗް މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭޝިއާ ސަރަހައްދުގެ ޖުމްލަ 17 ގައުމަކުން ގާތްގަނޑަކަށް 20،000 މީހުން ބައިވެރިވި އެވެ.