އަނބަކީ އަނގަޔަށް ވެސް މީރު އޭގައި ވަރަށް ގިނަ ފައިދާތަކެއް އެކުލެވޭ މޭވާ އެކެވެ. އަހަރެމެންގެ ރާއްޖޭގައި ވެސް ވަރަށް އާއްމުކޮށް ހައްދާ އަދި ފަސޭހައިން ލިބެން ހުންނަ މޭވާ އެކެވެ.

އެކި ގޮތްގޮތަށް އަހަރުމެން އަނބު ބޭނުންކޮށް އުޅޭއިރު އަނބަކީ މީރުކަމާއި އެއްވަރަށް ނުހަނު ގިނަ ފައިދާތައްވެސް ހަށިގަނޑަށް ލިއްބައިދޭ މޭވާ އެކެވެ.

އަނބުގައި ގިނަ އަދަދަކަށް ވިޓަމިން އޭ ހުރެ އެވެ. ފޮތިކޮށް ކޮށާފައި ހުންނަ އަނބު ޖޯޑެއްގައި ދުވާލަކަށް ބޭނުންވާ ވިޓަމިން އޭގެ 25 ޕަސެންޓް ހުރެ އެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ސާފުކޮށްދީ ރަނގަޅުކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ގަވާޢިދުން އަނބު ބޭނުންކުރާނަމަ، ރޭގަނޑު ރޯނާވުން، ލޮލުން ފެން އައުން، ލޮލުގެ ފެނުމަށް ބަދަލު އައުން، ލޯތެރެ ހިރުވައި ހިކުން، ލޮލުން ދިލަ ނެގުން، އަދި ލޮލުގެ ހާމަދުލި މަޑުވުން ފަދަ ލޮލުގެ މައްސަލަތަކުން ދުރުކޮށްދޭނެ އެވެ.

އަނބު ކެއުމަކީ ރީތިކަން މަތީގައި ދެމި ހުރުމަށްވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ މޭވާ އެކެވެ. އެގޮތުން އާންމުކޮށް އަނބު ކާނަމަ، ގައިގެ ހަން އޮމާންވެ، ސާފުވެ، ބިހި ނެގުން ކުޑަކޮށްދީ، ހަމުގައި ނަގާ އޮށާޅަ ފަދަ މައްސަލަތަކުން ކުރިމަތިވާ އުނދަގޫ ކުޑަކޮށްދޭނެ އެވެ.

އެއާއެކު އަނބުގައި ހިމެނޭ ދަގަނޑުގެ ބައިގެ ސަބަބުން މާބަނޑު އަންހެނުންނަށާއި، މައްސަރު ކަންތައް ޖެހިފައިވާ އަންހެނުންނަށްވެސް ވަރަށް ގިނަ ފައިދާތަކެއް ލިބެ އެވެ. އަނބުގައި ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭއިރު އެއީ ދަގަނޑު ހަށިގަނޑަށް ނެގުމުގައި އެހިތެރިވެދޭ މާއްދާ އެކެވެ.

އަނބަކީ މިހާ ގިނަ ފައިދާތައް ލިބޭ މޭވާއަކަށް ވެފައި ފަސޭހައިން ލިބެން ހުންނަ މޭވާއަކަށް ވީއިރު ކެއުމުގައި އަނބު ގިނަ ނުކުރަންވީ ސަބަބެއް ނެތެވެ.