ސަލާން ޖެހި ނިކަމެތި އަންހެނަކަށް ހިތް ހެޔޮވުމުން، ޓީވީ ޑްރާމާތަކުގައި މަސައްކަތްކޮށް، ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ތަރި މޯނީ ރޯއިއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

މޯނީ ރޯއި، އޭނާ ދިރިއުޅޭ ސަރަހައްދުން ފެނިފައިވާއިރު، ސަލާން ޖެހި އަންހެނުންތަކެއް އެ މީހުންގެ ދަރިން ގޮވައިގެން މާލީ އެހީތެރިކަމަކަށް އެދި މޯނީގެ ގާތަށް ވަނީ ގޮސްފަ އެވެ. އަދި އެ މީހުން ވަނީ އެއްޗެއް ކާނެ ފައިސާއެއް ދިނުމަށް މޯނީގެ ގާތުގައި އެދިފަ އެވެ.

މޯނީގެ އަތުގައި އެވަގުތު ފައިސާ ނެތް ނަމަވެސް އޭނާ އެ އަންހެނުންނާ މުހާތަބުކޮށްފައި ވަނީ އަދަބު އިހުތިރާމާއެކުގަ އެވެ. އަދި މޯނީ ވަނީ ފައިސާ ނެތުމުގެ ސަބަބުން އެމީހުން ގާތުގައި މައާފަށް އެދިފަ އެވެ.

މޯނީގެ ފަރާތުން ފެނުނު އެފަދަ ރީތި އަހުލާގު އެ ސަރަހައްދުގައި ތިބި އާންމުނަށް ފާހަގަވެފައިވާއިރު، ގިނަ ބަޔަކު ވަނީ އެ ވާހަކަ ސޯޝަލް މީޑިއާގައި ދައްކައި ފޮޓޯތައް އާންމުކޮށްފަ އެވެ.

އެއްބަޔަކު އެކަން ހެޔޮ ކަމެއްގެ ގޮތުގައި ފާހަގަކުރި ނަމަވެސް އަނެއް ބަޔަކު ވަނީ ފަގީރަކަށް ފައިސާ ނުދިނުމުން މޯނީއަށް ފާޑުކިޔާފަ އެވެ. އަދި އެއީ އޭނާ ދެއްކުންތެރިކަން ހާމަކުރުމަށް ކުރި ކަމެއް ކަމަށް ވެސް އެއް ބަޔަކު ބުނެފައިވެ އެވެ.