ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފެށުމަށް ނިންމައިފި އެވެ.

ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތަކެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިހާރުވަނީ ޖަލްސާތައް ފެށޭނެކަން މެމްބަރުންނަށްވެސް އަންގަވާފަ އެވެ.

މަޖިލީހުގެ ނިމިދިޔަ ދައުރުގައި ވަނީ ގިނަ ޖަލްސާތަކެއް ބައްވާ މުހިންމު ބިލްތަކުގެ މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި 45 އަހަރަށްފަހު ހެއްކާއިބެހޭ ބިލާއި، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމާއި، ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކާއި އަދިވެސް މުހިއްމު ގާނޫނުތަކަށް އިސްލާހުތަކެއް ގެނެސްފައިވެ އެވެ.

މަޖިލީހުގެ ޖަލްސާތައް މި ފެށޭއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް އެމްޑީޕީ ތެރެއިން ނަގަން އުޅޭ ކަމުގެ ވާހަކަތަކެއްވަނީ ފެންމަތި ވެފައެވެ.

ދައުރު ނިންމައި މަޖިލިސް އަހަރުގެ ފަހު ޗުއްޓީއަށް ދާނީ ނޮވެންބަރު މަހުގެ ފަހުކޮޅު އެވެ.