80 ގެ އަހަރުތަކުގަ އާއި 90ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ދެ ތަރިންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ބޮބީ ޑިއޯލް އާއި ނީލަމް ކޮތާރީ ހިމެނޭކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.

ނީލަމް އަކީ އޭރު ފިލްމު މޭކަރުންގެ ފިލްމުތަކަށް ނަގަން އެންމެ ކަމުދިޔަ ތަރި އެވެ. ހަމައެހެންމެ އޭނާ އަކީ އޭރު އާންމުންނާއި ޑައިރެކްޓަރުންގެ ލޯބި އިންތިހާއަށް ލިބުނު ތަރިއެކެވެ. ގިނަ އަހަރުތަކެއް ވަންދެން އެކީގައި އުޅުނު ލޯބިވެރިޔާ ސަމީރް ސޯނީއާ ކައިވެނިކޮށްފައިވާއިރު، އެދެމީހުންނަށް 'އަހާނާ' ނަމަކަށް ކިޔާ އަންހެން ކުއްޖަކު ލިބިފައިވެ އެވެ.

އެހެންނަމަވެސް ސަމީރާއި ކައިވެނި ކުރުމުގެ ކުރިން ނީލަމް އުޅުނީ ބޮބީ ޑިއޯލްއާ ލޯބީގެ ގޮތުން ގުޅިގެންނެވެ. އަދި ފަސް އަހަރު ވަންދެން އެދެމީހުންގެ ލޯބީގެ ގުޅުން ދެމިއޮތް ކަމަށް މައުލޫމާތުލިބެ އެވެ. އެހެން ލޯބިވެރިންނެކޭ އެއްފަދައިން އެދެމީހުންވެސް ކައިވެނިކޮށް، އެކީގައި ކުރިއަށް އޮތް ދުވަސްތައް ގުނަން ނިންމި ނަމަވެސް އެކަމަށް ހުރަސްއެޅީ ބޮބީގެ ބައްޕަ ދަރުމޭންދްރަ އެވެ.

ދެތަރިން ވަކިވާން ދިމާވި ސަބަބަކީ، ދަރުމޭންދްރަ އެއްވެސް ގޮތަކަށް އޭނާގެ ދަރިން ބޮލީވުޑް އިންޑަސްޓްރީގައި މަސައްކަތް ކުރާ އަންހެން ކުއްޖަކާ ކައިވެނި ކުރަން ބޭނުން ނުވުން ކަމުގައި މައުލޫމާތުލިބެ އެވެ. މިކަން ދެތަރިންގެ އާއިލާ އާއި އެކުވެރިން ހާމަކުރި ނަމަވެސް ބޮބީ އާއި ނީލަމް އެއްބަސްވެފައެއް ނުވެ އެވެ.

މި ދެތަރިންނަކީވެސް ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ބައެކެވެ.