ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ފަހު ޖަލްސާތައް މިއަދު ފަށައިފި އެވެ.

މި ދައުރުގެ ޖަލްސާތައް މިއަދު ފެށިއިރު މަޖިލީހަށް ސަރުކާރުން ހުށަހަޅަން ބޭނުންވާ 30 ބިލެއް ވަނީ ހުށައަޅާފަ އެވެ. އޭގެ ތެރޭގައި ގިނަ ގާނޫނުތަކަށް ހުށައަޅާފައިވާ އިސްލާހުތައްވެސް ހިމެނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ރައީސް ނަޝީދު ވަނީ މިވަގުތު މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ބިލްތަކުގެ ތަފާސްހިސާބުވެސް ހިއްސާކުރައްވާފަ އެވެ.

ކޮމިޓީގައި ހުރި ބިލްތަކަށް ބަލާލއިރު އިގްތިސޯދީ ކޮމިޓީގައި ދެ ބިލު، ޖުޑިޝަރީ ކޮމިޓީގައި ފަސް ބިލު، އިޖުތިމާއީ ކޮމިޓީގައި ދެ ބިލު، ލާމަރުކަޒީ ކޮމިޓީގައި އެއް ބިލު، މާލިއްޔަތު ކޮމިޓީގައި ތިން ބިލު އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އެއް ބިލު، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގައި ދެ ބިލު އަދި ޖޮއިންޓް ކޮމިޓީތަކުގައި ހަތަރު ބިލެއް އެބަ އޮތެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ 43 މެންބަރުންނާ އެކު އެވެ. ސަލާމުގައި ހަތަރު މެންބަރުން ތިއްބެވި ކަމަށްވެސް ރިޔާސަތުން އިއުލާންކުރެއްވި އެވެ.