މެންދަމުން އަލިވެ ދޭއް ތިނެއް ޖަހާއިރު ވެސް ނުނިދި ދެފަރާތަށް ފުރޮޅިލާ ފުރޮޅިލާ އޮތުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލަ އެކެވެ. އެކަމުގެ ސަބަބުން ދިރިއުޅުމަށް ގިނަ އަސަރުތަކެއް ވެސް ކުރާ ކަމެކެވެ. މިކަން މިގޮތަށް ދިމާވާނަމަ ހައްލު ހޯދަން ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ.
ދުވާލު ނުނިދުން
ދުވާލު ގަޑީގައި ކުޑަ ވަގުތު ކޮޅަކަށް ނިދާލުމަކީ މީހާ ބޯހަމަޖައްސައިދޭނެ ކަމެކެވެ. އެހެންނަމަވެސް މާ ގިނަ އިރު ނިދުމަކީ މީހާގެ ރޭގަނޑުގެ ނިންޖަށް ބުރޫ އަރާ ކަމެކެވެ. އެހެންކަމުން ދުވާލު ގަޑީގައި ނިދާ ވަގުތުކޮޅު ވީހާވެސް ކުޑަކުރުން ވަރަށް މުހިއްމެވެ. ތިބާއަކީ ނިދަން ވަރަށް އުނދަގޫ މީހެއްނަމަ ދުވާލު ގަޑީގައި ތި ނިދާ ނިދުން މުޅިންހެން ހުއްޓާލަން ޖެހެ އެވެ.
ގުރުއާން އަޑުއެހުން
ކީރިތި ގުރުއާން އަޑުއެހުމަކީ ފަސޭހައިން ނިދުމަށް އެހީތެރިވެދޭ ކަމެކެވެ. އެގޮތުން ރޭގަނޑު ނިދަން އޮށޯތުމަށްފަހު ނުވަތަ ނިދަން އޮށޯތުމުގެ ކުރިންވެސް ގުރުއާނުން ބައެއް އަހާލުމަކީ ޔަގީނުންވެސް މީހާ ހަމަޖެހި ވަރަށް އަވަހަށް ނިދި ވެސް ޖެހިދާނެ ކަމެކެވެ.
ކަސްރަތު ކުރުން
ކަސްރަތު ކުރުމަކީ ސިކުނޑީގައި ނިދުމަށް އެހީވެދޭ ހޯމޯން ކަމަށްވާ ސެރޮޓިނިން އުފެއްދުން އަވަސްކޮށްދޭނެ ކަމެކެވެ. ހަމައެއާއެކު އެއީ ކޯޓިސޯލް ނުވަތަ ސްޓުރެސް ހޯމޯން ލެވެލް ދަށް ކުރުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ. އެހެންކަމުން ގަވާއިދުން ކަސަރްތު ކުރުމަށް އާދަ ކުރާށެވެ.