ސަސްޕެންޝަނުގައި ހުންނަތާ ދޮޅު އަހަރު ފަހުން ރައްޔިތުން މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް ވަކިކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވަނީ މަޖިލިހުގެ ރައީސްގެ މޭޒުން ހުށަހަޅާ މައްސަލައެއްގެ ގޮތުގަ އެވެ.

މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް މުސާރަ ލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ހުންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. މަޖިލިހުން ހަލީމް ސަސްޕެންޑް ކުރީ ޖެނުއަރީ 27 2021 ގަ އެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ބަލަމުންދިޔަ މައްސަލައަކާއި ގުޅިގެން ހަލީމް ސަސްޕެންޑްކުރިނަމަވެސް، އެއީ ކޮން މައްސަލައެއްކަން މަޖިލީހުން ހާމަކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އާންމު ކޮމިޓީން ބެލި މައްސަލަ ނިންމައި މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާގައި މި ރިޕޯޓަށް ވޯޓަށް އަހާނެކަމަށެވެ.

މަޖިލީހުގެ އިދާރާގެ ސާޖެންޓް އެޓް އާމްސްއަކީ، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސްވެރިޔާއެވެ.

ސާޖެންޓް އެޓް އާމްސްގެ މަގާމު އޮކްޓޯބަރު 31، 2013 ގައި އުފެއްދީއްސުރެ މިއަދާ ހަމައަށް އެ މަގާމުގައި ހުންނެވީ ހަލީމެވެ.

މައުލޫމާތު ލިބޭ ގޮތުން ހަލީމް ސަސްޕެންޑްކުރީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ކޮޓަރި ބަގުކުރަން އުޅުނުކަމުގެ ތުހުމަތުގަ އެވެ.