ރޭގަނޑު ހަމަނިދި ލިބުމަކީ ތިމާގެ ދުވަސް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިޔުމަށް އެޅޭ އެންމެ ފުރަތަމަ ފިޔަވަޅެވެ. ނަމަވެސް ބައެއް މީހުންނަށް ރޭގަނޑުގެ ހަމަނިދި ހޯދުމަށް ގިނަ ދަތިތަކާ ކުރިމަތިވެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ރޭގަނޑުގެ ހަމަނިދި ހޯދުމަށް ކުރެވިދާނެ އެންމެ ރަނގަޅު ކަންކަމުގެ އިތުރުން ނިދި ހަމަޔަށް ނުލިބުމަށް ދިމާވެދާނެ ބައެއް ސަބަބުތަކަށެވެ.
ނިދާ ގަޑި ކައިރިކޮށް މާ ގިނައިން ކެއުން ފަދަ ކަންކަމުން ތިބާގެ ނިދުމަށް އަސަރު ކުރާއިރު ސައިންސްވެރިންގެ ހޯދުންތަކުންވަނީ ނިދަން އޮށޯންނަތާ 30 މިނެޓުގެ ތެރޭގައި ނިދުމަކީ އެންމެ އެދެވޭ މިނަވަރަކަށް ނިދި ލިބުމަށް އެންމެ މުހިންމު އެއް ކަމެވެ. މިގޮތަށް 30 މިނެޓުގެ ތެރޭގައި ނުނިދިއްޖެ ނަމަ އޭގެ މާނައަކީ މީހާގެ އެތެރެހަށީގެ ގަޑި އަދި ނިދާ ވަގިތާއި ހަމަޔަށް ނުދާ ކަމެވެ. ނުވަތަ ނިދުމުގެ ކުރިން ކުރެވޭ ކަމެއްގެ ސަބަބުން ނިދި ގެއްލެން މެދުވެރި ވުމެވެ. މިސާލަކަށް މީހާގެ އެޑްރެނަލިން ލެވެލް މަތިވުމަށް މެދުވެރިވާފަދަ އަމަލުތަލެވެ.
ނިދުމަށްފަހު ރޭގަނޑުގެ އެކި ގަޑި ގަޑީގައި ގިނައިން ހޭލެވޭނަމަ އެންމެ އެދެވޭ ގޮތަކީ ޑޮކްޓަރަކަށް ދެއްކުމެވެ. އާންމުކޮށް ހަރު އުމުރުގެ މީހުންނަށް މި މައްސަލަ ކުރިމަތިވާ ކަމަށް ފާހަގަކުރެވޭއިރު އެ އުމުރުގައި މިފަދަ ކަންކަން ދިމާވުމަކީ ވަރަށް ގާތް ކަމެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް ދެ ފަހަރަށްވުރެ ގިނަ ފަހަރު މިގޮތަށް ހޭލެވޭ ނަމަ އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ.
މިގޮތަށް ހޭލެވި 20 މިނެޓުގެ ތެރޭގައި ނުނިދިއްޖެނަމަ ވެސް ސަމާލު ވާށެވެ. ސައިންސްވެރިން ބުނާގޮތުގައި ރަނގަޅު ނިންޖަކުން މިގޮތަށް ހޭލެވިއްޖެ ނަމަ އިންސާނާގެ ހަށިގަނޑު ފުރަތަމަ 10-15 މިނެޓުގެ ތެރޭގައި ހަމަޖެހިލައިގެން ހަރަކާތްތެރިވެ އެވެ. އެކަމަކު މި ވަގުތުކޮޅަށްފަހު އިންސާނާގެ ހަށިގަނޑު އެހެން ކަންކަމާމެދު ވިސްނަން ފެށުމާއެކު ނިދި ގެއްލެ އެވެ.