ދޮޅު އަހަރު ދުވަހު ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް މަގާމުން ވަކިކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ވަކިކުރަން ނިންމީ 25 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ އާންމު ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އޭނާ ސަސްޕެންޑު ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 27 ގަ އެވެ. އެއީ ސީދާ ކޮން މައްސަލައެއްކަން ރަސްމީކޮށް މަޖިލީހުން ހާމަކޮށްފައި ނުވެ އެވެ.

ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ހަލީމް ސަސްޕެންޑް ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސްގެ ކޮޓަރިކޮޅު "ބަގު" ކުރަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ މަޖިލީހުން ބަލަން ފެށުމާ އެކުގަ އެވެ.

ހަލީމް ސަސްޕެންޑު ކޮށްފައި ހުންނަވާތާ މިދިޔަ މަހު 27 އަށް ދޮޅު އަހަރު ވެފައިވާއިރު، އެ 18 މަސްދުވަހުގެ ތެރޭގައި އޭނާއަށް 594،000ރ. ވަނީ ދީފަ އެވެ.