އުމުރުން އެންމެ 17 އަހަރުގައި އެކަނި މާއެކަނި ދުނިޔެ ވަށާ ދަތުރުކޮށް ބެލްޖިއަމްއަށް ނިސްބަތްވާ ޒުވާނަކު ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި އެވެ.

މެކް ރަތާފޯޑްވަނީ ފަސް މަސް ދުވަހުގެ ތެރޭގައި 54،124 ކިލޯމީޓަރަށް ދަތުރުކޮށް އެހާ ހަގު އުމުރެއްގައި އެކަނި މިހާ ބޮޑު ދަތުރެއް ފުރިހަމަކުރި ޒުވާނާގެ ރެކޯޑު ހޯދާފަ އެވެ.

މާޗް މަހުގެ 23 ވަނަ ދުވަހު އޭނާގެ ދަތުރު ފެށި ހިސާބުން މި މަހު ގައުމަށް އެނބުރި އައުމާ ހަމައަށް މެކް ވަނީ ދުނިޔޭގެ 30 ގައުމަކަށް ގޮސްފަ އެވެ. ރެކޯޑު ހެދުމަށްފަހު ގައުމަށް އެނބުރި އައުމުން އެގައުމުގެ އާއްމުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

"ދަތުރުގެ އެކި ހިސާބުތަކުން ހިތްވަރު އެލުވާލައި މިކަން ހުއްޓާލަން ވެސް ހިތަށްއެރި، އެކަމަކު ހަމަ ކުރިއަށް ދިޔައީ" މެކް ބުންޏެވެ.

މެކްގެ މި ދަތުރުގައި ދުނިޔޭގެ ދެ ރެކޯޑެއް ހަދާފައިވާއިރު މީގެ ތެރެއިން އެއް ރެކޯޑަކީ ކުރިން އޭނާގެ ދައްތަ އުމުރުުން 19 އަހަރުގެ ޒާރާގެ އަތުގައި އޮތް ރެކޯޑެކެވެ.

މެކްގެ ދަތުރުގައި އޭނާވަނީ ޔޫރަޕްގެ އިތުރުން އެފްރިކާ، މެދުއިރުމަތި އަދި ދެކުނު އޭޝިއާއަށް ގޮސްފަ އެވެ. މި ސަރަހައްދުތަކުން ދަތުރުކުރިއިރު ހޫނާއި ވިއްސާރަފަދަ އެކި ގޮންޖެހުންތަކާ ކުރިމަތިވުމުގެ ސަބަބުން އޭނާގެ ދަތުރު ރޭވުނު ގޮތަށްވުރެ ދިގުލައިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ތާރީހީ ދަތުރު ކުރުމަށް މެކް ބޭނުންކުރީ މައިކްރޯލައިޓް ސޯލާ ޕަވާ އެއާކްރާފްޓެކެވެ. މިފަދަ އުޅަނދެއްގައި ދުނިޔެ ވަށާ ދަތުރުކުރުމުގެ ރެކޯޑު ކުރިން އޮތީ އޭނާގެ ދައްތަ ޒާރާ އަށެވެ.

އޭގެ އިތުރުން ދުނިޔެ ވަށާ ދަތުރުކުރި އެންމެ ހަގު ޒުވާނާގެ ރެކޯޑު މެކް ހޯދީ މީގެ ކުރިން އެ ރިކޯޑު ހަދާފައިވާ އުމުރުން 18 އަހަރުގައި ދުނިޔެ ވަށާ ދަތުރުކުރި ޓްރެވިސް ލުޑްލޯގެ އަތުންނެވެ.

މިވަގުތަށް ދަތުރުކުރުން ނިމުނީ ކަމަށާއި ދެން ބޭނުންވަނީ ކިޔެވުމަށް ވިސްނަން ކަމަށް މެކް ވަނީ ބުނެފަ އެވެ.

އުމުރުން 15 އަހަރުގައި ޕައިލެޓް ލައިސަންސް ހޯދި މެކްގެ އުއްމީދަކީ އޭނާގެ ދަތުރުން އެހެން ޒުވާނުންނަށް ވެސް މިފަދަ ކަންކަން ކުރުމަށް ހިތްވަރު ލިބުމެވެ.