ރާއްޖެ ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކަށް ފުރުސަތު ނުދެއްވުމަށާއި، އެފަދަ ކަންކަމަށް ހުރިހާ ރައްޔިތުން ފާރަވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
މި އިލްތިމާސް ރައީސުލްޖުމްހޫރިއްޔާ ކުރެއްވީ ޕީއެންސީން އއ. އުކުޅަހުގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ އެ ޕާޓީން މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ހަރުގެ ޖަލްސާއެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމަށް ފައިދާހުރި ކަންކަމުގައި ހުރިހާ ފަރާތްތަކަކުން އެއްބަސްކިޔުމަކީ ކުރިއަރާފައިވާ ގައުމުތަކުން ފެންނަ ރީތި ނަމޫނާއެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން އެ މަންޒަރު ނުފެންނާތީ އެމަނިކުފާނު ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ. ގައުމު ހަލަބޮލިކުރަން ބަޔަކު ރާވައިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، ސިޔާސީ ގޮތުން އުފައްދާ ނުބައި އޮއިވަރުތަކުގައި ނުޖެހުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ދިވެހިންނަކީ ތައުލީމީ އަދި ލޯހުޅުވިފައިވާ ބައެއްކަން ފާހަގަކުރައްވަމުން، ސިޔާސީ ހަރަކާތްތަކާއި ދައްކާ ވާހަކަތަކުގެ އޮއިވަރުގެ ތެރެއަށް ވަދެގެންނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެފަދަ އޮއިވަރަކަށް ދީލާލައިފިނަމަ ގައުމުގައި އޮތް ހަމަޖެހުން އިސާހިތަކު ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވި އެވެ.
އޭގެ އިތުރުން ސިޔާސީ ހަމަޖެހުން ގާއިމުކުރުމަކީ މުހިންމު ވައުދުފުޅެއް ކަމަށާއި، މިހާރު ރާއްޖެއަކީ ބަދަލުހިފުމުގެ ރޫހު ނެތް ސިޔާސީ ހަމަޖެހުން އޮތް ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިޔާސީ ވެރިން ދައްކަވާ އަސާސެއް ނެތް ދޮގު ވާހަކަތަކާމެދު ރައްޔިތުން ފުންކޮށް ވިސްނުމަށާއި، ޒުވާނުން ނުރަނގަޅު މަގު އިހްތިޔާރު ނުކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމުގެ އިގްތިސާދާއި އިޖުތިމާއީ ހާލަތު އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން، ކުރީގެ ހާލަތުން ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ގައުމު އަނެއްކާވެސް އަނދަވަޅަކަށް ވައްޓާލަން ފުރުސަތު ނުދެއްވުމަށާއި، ތަރައްގީއާއި ހަމަޖެހުން ކަށަވަރުކުރުމުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
ބީއެމްއެލްގެ ފޮރެކްސް އިންވެސްޓްމަންޓް ފައިދާ ޑޮލަރުން ދެނީ
ރައީސަށް ހުރިހާ ބާރުތަކެއް ދެވުމުން މެންބަރުން ހިތާމަކުރޭ: ނަޝީދު
