ކޮޅަށް ހުންނަން ނުވަތަ އިށީންދެގެން އިންނަ އެލާޖިކް ވުމަކީ އަޑު އަހާލަން ކިތަންމެ ހައިރާން ކުރުވަނިިވި ވާހަކައަކަށް ވިނަމަވެސް މިއީ 28 އަހަރުގެ މި އަންހެން މީހާގެ ދިރިއުޅުމުގެ ހަގީގަތެވެ.
ލިންޑްސީ ޖޯންސަން ނަމަކަށް ކިޔާ މި އަންހެން މީހާއަށް ކޮޅަށް ނުވަތަ އިށީންދެގެން ވެސް ހުރެވެނީ އެންމެ ގިނަވެގެން ތިން މިނެޓު ކަމަށް އޭނާ ބުނެ އެވެ. އެއަށްވުރެ ގިނައިރު ވެއްޖެނަމަ ބޯއަނބުރާ ހޮޑުލެވި ހެއަށް ގޮތްވާ ފަހަރު ވެސް އަންނަ ކަމަށް ލިންޑްސީ ބުންޏެވެ.
މީގެ ކުރިން ނޭވީ އޭވިއޭޝަން މެކޭނިކެއްގެ ވަޒީފާ އަދާކުރި ލިންޑްސީއަށް އެންމެ ފުރަތަމަ އުނދަގޫތަކެއް ވާން ފެށީ 2018 ވަނަ އަހަރު އެވެ. ބޯއަނބުރާ ހޮޑުލެވުމުގެ ސަބަބުން ވަޒީފާ އަދާކުރަން އުނދަގޫ ވުމުން ސިއްހީ ހާލަތަށް ބަލައި އަސްކަރިއްޔާއިން އޭނާ ވަކިކުރި އެވެ.
ޑޮކްޓަރަށް ދައްކައި އެތައް ޓެސްޓުތަކެއް ހެދުމަށްފަހު އޭނާގެ ހަގީގީ ބަލި އެނގުނީ މިއަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އޭނާއަށް ޖެހިފައިވަނީ މަދުން ނޫނީ ނުފެންނަ ޕޮސްޗުރަލް ޓަކިކާޑިއާ ސިންޑްރޯމް ކިޔާ ބައްޔެކެވެ. ނަމަވެސް ލިންޑްސީ މި ބަލި ސިފަ ކުރަނީ ގްރެވިޓީއަށް އެލާޖިކްވުން ކަމުގަ އެވެ.
ބަލި ދެނެގަނެވުނު ފަހުން ބޭސް ކަމުން ދިޔަ ނަމަވެސް މިހާރުވެސް ދުވާލަކު ދިހަވަރަކަށް ފަހަރު ހޭނެތޭ ކަމަށް ލިންޑްސީ ބުނެ އެވެ. މިކަމުގެ ސަބަބުން ރެއަކާ ދުވާލު ގާތްގަނޑަކަށް 23 ގަޑިއިރު އޭނާ އޮންނަނީ އޮށޯވެ އެވެ.
ލިންޑްސީ ބުނީ އޭނާގެ ބައްޔާއެކު ދިރިއުޅެން ދަސްކޮށްފައިވާ ކަމަށާއި އޭނާގެ ފިރިމީހާ ޖޭމްސްގެ ފަރާތުން ލިބޭ އެހީއަކީ އޭނާއަށް މިކަމުގައި ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.