އީރާނުން ޔޫއޭއީއަށް އަމާޒުކޮށް ބެލިސްޓިކް ދެ މިސައިލް ފޮނުވާލާފައިވާ ކަމަށް ބުނެ، އެ ގައުމާއެކު އޮތް ވިޔަފާރި އާއި އިގްތިސާދީ ހުރިހާ ގުޅުންތަކެއް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އަންގާރަ ދުވަހު މެދުކަނޑާލައިފި އެވެ.
ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، އީރާނުން އެ ގައުމުގެ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލް އެ ގައުމުގެ އެއާ ޑިފެންސް ނިޒާމަށް ވަނީ ފާހަގަކުރެވިފަ އެވެ. މިއީ މިދިޔަ މޭ މަހުގެ ފަހުން އީރާނުން ޔޫއޭއީއަށް ދިން ފުރަތަމަ ސީދާ ހަމަލާ އެވެ. މި ހަމަލާއާ ގުޅިގެން ޔޫއޭއީގައި ދިރިއުޅޭ ރައްޔިތުންގެ ފޯނުތަކަށް ވަނީ ކުއްލި ނުރައްކަލުގެ އެލާޓް ފޮނުވާފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި މިސައިލްތައް އަމާޒުކޮށްފައިވަނީ ކަނޑުދަތުރުފަތުރަށެވެ. މީގެ ތެރެއިން އެއް މިސައިލް ވެއްޓިފައިވަނީ ޔޫއޭއީގެ ކަނޑުގެ ސަރަހައްދުން ބޭރަށް ކަމަށާއި، އަނެއް މިސައިލް ވެއްޓުނީ ޔޫއޭއީގެ ސަރަހައްދީ ފެނުގެ ތެރެއަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހައާއި އަމާންކަމަށް ބުރޫއަރާ ފަދަ ގޮތަކަށް މަސްރަހު ގޯސްވަމުންދާތީ، އީރާނާއެކު ކުރާ ހުރިހާ ވިޔަފާރިއަކާއި، މާލީ މުއާމަލާތްތަކެއް ވަކިގޮތެއް އަންގަންދެން ހުއްޓާލާފައިވާ ކަމަށެވެ.
ނަމަވެސް، މި ހަމަލާގައި އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް އީރާނުން ވަނީ އިންކާރުކޮށްފަ އެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، މި ތުހުމަތުތަކަކީ އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ރަނގަޅު ގުޅުމާ ހިލާފު އަދި ސަރަހައްދީ ގައުމުތަކުގެ މެދުގައި އިތުބާރު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.
މި ހަމަލާތައް ދީފައި މިވަނީ، އެމެރިކާއާއި އިޒްރޭލުން ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު ގޯސްވި ގުޅުން ރަނގަޅު ކުރުމަށް ޔޫއޭއީއާއި އީރާނުން ދެ މަހެއްހާ ދުވަހު މަސައްކަތް ކުރުމަށްފަހުގަ އެވެ. އޭރު އީރާނުން ދިން ގިނަ ހަމަލާތައް އަމާޒުކުރީ އަވަށްޓެރި އަރަބި ގައުމުތަކަށެވެ. އެއީ އެމެރިކާއާއި އިޒްރޭލަށް އެ ގައުމުތަކުން އެހީތެރިވާ ކަމަށް ބުނެއެވެ.
އީރާނުން އެމެރިކާގެ ބައިވެރި އަރަބި ގައުމުތަކަށް ދިން ހަމަލާތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޔޫއޭއީއަށެވެ. އެގޮތުން 3،000 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ ޔޫއޭއީއަށް އަމާޒުވި އެވެ. މީގެ ރައްދުގައި ޔޫއޭއީން ވެސް ވަނީ އީރާނަށް ހަމަލާތަކެއް ދީފަ އެވެ.
އެހެންނަމަވެސް، ޖޫން މަހު އެމެރިކާއާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމަކާ ގުޅިގެން މަސްރަހު ކުޑަކޮށް ފިނިވި އެވެ. ނަމަވެސް ޖުލައި މަހުގެ ކުރީކޮޅު އެ އެއްބަސްވުން އުވުމުން، އީރާނުން އަނެއްކާވެސް ހަމަލާތައް ދޭން ފެށިއެވެ. އެކަމަކު އޭރު ހަމަލާތައް އަމާޒުކުރީ ބަހްރޭން، ކުވެއިތު އަދި އުރުދުން އަށެވެ.
ވޭތުވެދިޔަ މަސްތަކުގައި ޔޫއޭއީން ވަނީ އީރާނާއެކު ހާރިޖީ އަދި އިގްތިސާދީ ގުޅުންތައް އަލުން ފަށާފަ އެވެ. ހަމައެއާއެކު، އިޒްރޭލާއި އެމެރިކާއާއެކު އޮތް އަސްކަރީ ގުޅުންވެސް ވަނީ ވަރުގަދަކޮށްފަ އެވެ.
އަންގާރަ ދުވަހު ދިން މިސައިލް ހަމަލާތަކުގެ ސަބަބުން ޔޫއޭއީއަށް އައިސްފައިވާ އާންމު ހާލަތަށް ބުރޫއަރާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. ދުބާއީގެ ފައިނޭންޝަލް ޑިސްޓްރިކްޓަށް އަނެއްކާވެސް ބޭންކަރުން އަންނަން ފަށާފައިވާއިރު، އީރާނުގެ ބަނދަރުތަކާއި ދުބާއީއާ ދެމެދު ބައެއް ވިޔަފާރިތައްވެސް ވަނީ ފެށިފަ އެވެ. މީގެ އިތުރުން، އީރާނާއި ޔޫއޭއީއާ ދެމެދު ކުރާ ބައެއް ފްލައިޓްތައްވެސް ވަނީ އަލުން ފަށާފަ އެވެ.
ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ވަނީ، ހަނގުރާމަ ފެށުނުއިރު ގައުމުން ބޭރުގައި ތިބި 20،000 އެއްހާ އީރާނު ރައްޔިތުންނަށް އެނބުރި ޔޫއޭއީއަށް އައުމުގެ ހުއްދަވެސް ދޭން ފަށާފަ އެވެ. ޔޫއޭއީގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެ ގައުމުން ބޭނުންވަނީ ސަރަހައްދީ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ނުވަދެ ސަލާމަތްވުމަށެވެ.
ނަމަވެސް، މަސްރަހު ފިނިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މި ފަހަކަށް އައިސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. މި މަހުގެ ކުރީކޮޅު ޔޫއޭއީން ވަނީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ އުޅަނދުތަކަށް އީރާނުން ހަމަލާދިން ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ފަހަކަށް އައިސް އީރާނުން ގެންދަނީ އަސްކަރީ ގޮތުން އިންޒާރުތައް ދެމުންނެވެ.
ދިވެހި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލުޔެއް
ޓްރަމްޕްގެ މަގުބޫލުކަން 33 ޕަސެންޓަށް ދަށްވެއްޖެ
ހަލަބޮލި ދިރިއުޅުމުގައި ކަސްރަތަށް ވަގުތު ހުސް ނުކުރެވެނީތަ؟
