ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ފާސްކޮށްފިނަމަ، ބަލަން ބޭނުން ނުވިޔަސް ދެން ފެންނާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ފުލުހުންގެ ޔުނީފޯމްގައި ހުންނަވަނިކޮށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މި ބިލަށް ބަހުސް ކުރައްވަމުން ޝިޔާމްވަނީ މި ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ނުބަލަން އުޅުނަސް ފެންނާނީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ފުލުސް ޔުނީފޯމްގައި ހުންނަތަން. ޝައިޚް އިމްރާން ފުލުހުންގެ ޔުނިފޯމްގައި ހުންނަވާތަން. ދެން ސީޕީ ހުންނަވާނެ. ދެން ތިއްބަވާނީ އެމްޑީޕީގެ 65 މެމްބަރުން،" މިބިލުން ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ސިޔާސީވާނެ ކަމަށް އިޝާރާތްކުރައްވަމުން ޝިޔާމް ވިދާޅުވި އެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ ފުލުހުންގެ މުއައްސަސާ ލާމަރުކަޒު ކުރުމުގެ އިތުރުން ފުލުހުންގެ ހުވައަށް "އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ޙިމާޔަތް ކުރުމަށް" މިގޮތަށް ބަދަލު ކުރުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށައެޅުއްވި އިސްލާޙު ފިޔަވައި ދެން ފެންނަނީ ޒާތީ ހަސަދަ ފިލުވުމާއި ބަދަލު ހިފުމުގެ ރޫޙު ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޣާވާތޭކިޔާތީ މިއަދު އަޖައިބުވާ ކަމަށާއި ބޯޑުގައި ތިއްބަވާ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަން ކުރައްވަނީ އިމްރާން ޢަބްދުﷲ ކަމަށާއި ދެ މެމްބަރުން ޢައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އެހެންވީމާ ބަޣާވާތް ކޮބައިތޯ ޝިޔާމް ސުވާލުކުރެއްވި އެވެ.

"އިއްޒަތްތެރި ރައީސް. މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން. ދިވެހިރާއްޖޭގެ ސަލާމަތީ ހިދްމަތްތަކަށް މިފަދަ ޒާތީ ހަސަދަ ފިލުވާލުމަށްޓަކައި މިފަދަ އިސްލާހުތައް ގާނޫނެއްގެ ސިފައިގައި ގެންނަން ހެޔޮ ނުވާނެ،" އޭނާ ވިދާޅުވި އެވެ.

މި ބިލަށް ހުށައެޅިފައިވާ އިސްލާޙުތަކަށް ވެސް ތާއީދު ނުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ފުލުހުންގެ ބިލުގެ ތިން ވަނަ މާއްދާއަށް އިތުރުކުރަން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ފުލުސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަން ޖެހޭ ކަންތައްތައް ވެސް އީވާގެ އިސްލާހުގައި ވަނީ ހިމަނުއްވާފަ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ.

މިރޭގެ ބަހުސްގައި ވާހަކަދެއްކެވި އެމްޑީޕީގެ މެމްބަރުންވަނީ މި އިސްލާޙަށް ތާއީދު ކުރާކަމަށް ވިދާޅުވެފަ އެވެ.