ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުޅި ދައުލަތް ހިންގުމުގެ މައިގަނޑު މަސައްކަތްތައް ކުރެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރަށްރަށުގެ ކައުންސިލްތަކުން އޭރުގެ ރައީސަށް ގުޅަން މަސައްކަތް ކުރުމުން ގިނަ ފަހަރަށް ފޯނު ނުނަންގަވާ ކަމަށެވެ.

އެފަދަ ކޮންމެ ކަމެއްގައިވެސް ކައުންސިލްތަކަށް އިރުޝާދު ދެއްވީ އޭރުގެ ހައުސިންގ މިނިސްޓަރު މުއިއްޒާ ބައްދަލުކުރުމަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެހެންކަމުން އެ ދުވަސްވަރު ދައުލަތުގެ މުޅި ހިންގުން ބިނާވެފައި އޮތީ މުއިއްޒުގެ ބުރަ މަސައްކަތްޕުޅުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ރިންގު ރޯޑު ހެދުމުގެ މަސައްކަތާއި ރަށްރަށުގެ ތަރައްގީގެ މުހިންމު މަޝްރޫއުތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ އިސް ހިންގުންތެރިއަކީވެސް މުއިއްޒު ކަމަށް އޭނާ ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ އިޚްލާސްތެރިކަމާއެކު ނަތީޖާ ނެރެދެއްވާފައި ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މާލޭގެ މޭޔަރުކަމުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ޒަމާނުއްސުރެ ދަމަހައްޓަމުން އައި ކާމިޔާބީ ނިމުމަކަށް ގެނެވުނީވެސް އެ މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. މާލޭގެ ރައްޔިތުން މުއިއްޒަށް އިތުބާރު ކުރީ ހައުސިން މިނިސްޓަރުގެ ގޮތުގައި ދެއްކެވި ނަތީޖާތަކަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކާމިޔާބީއަކީ މުއިއްޒާއި ޕާޓީގެ އިސް ބޭފުޅުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެއީ ހަމައެކަނި ވަކި ފަރުދެއްގެ ކާމިޔާބީއެއްގެ ގޮތުގައި ދެއްކުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.