މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަގްޒަރީ ޖެޓް ވިއްކާލައިފި އެވެ

އެސް ޑިއާރިއޯ އިން ބުނި ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާ 2015 ވަނަ އަހަރު ގަތް ގަލްފްސްޓްރީމް ޖީ 200 ޖެޓް ވިއްކާލާފަ އެވެ. 2006 ވަނަ އަހަރު އުފެއްދި 250 ގަލްފްސްޓްރީމް ޖީ 200 ރޮނާލްޑޯ ގަނެފައިވަނީ ގާތްގަނޑަކަށް 20 މިލިއަން ޔޫރޯއަށެވެ.

މިއީ ގަޑިއަކު 900 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކުރެވޭއިރު ދިހަ މީހުންގެ ޖާގައިގެ ޖެޓެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯ އޭނާގެ އަމިއްލަ ޖެޓް ބޭނުން ނުކުރާ ވަގުތު ކުއްޔަށް ދޫކުރަނީ، ދަތުރުކުރާ ކޮންމެ ގަޑިއިރަކަށް 6،000 އާއި 10،000 ޔޫރޯއާ ދެމެދުގެ ރޭޓެއްގަ އެވެ.

މިޖެޓް ވިއްކައިގެން ލިބޭނެ ފައިސާއާ އެކު ޕޯޗުގަލްގެ ތަރި އާ ޖެޓެއް ގަތުމުގެ ބައެއް ހަރަދުކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ. އެހެންނަމަވެސް ރޮނާލްޑޯ ގަތުމަށް ނިންމާފައިވަނީ ކޮން މޮޑަލެއްގެ ޖެޓެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ރޮނާލްޑޯ ވިއްކާލުމަށް ނިންމާފައިވާ ޖެޓް

ކްރިސްޓިއާނޯގެ އެއް ޕްރައިވެޓް ޖެޓަށް ވުރެ ގިނަ ޖެޓް ވެސް އޮވެ އެވެ. ގަލްފްސްޓްރީމް ޖީ200 ގެ އިތުރުން، އޮޓޯއިވޮލޫޝަން އިން ބުނާ ގޮތުގައި، އޭނާގެ އަތުގައި 64.5 މިލިއަން ޑޮލަރު އަގު ހުރި ގަލްފްސްޓްރީމް ޖީ650 ޖެޓެއް ވެސް އޮވެ އެވެ.

މި ޖެޓަކީ 18 މީހުން ޖާގައިގެ، ގަޑިއަކު 956 ކިލޯމީޓަރަށް ދަތުރުކުރާ ޖެޓެކެވެ.