ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވަން މަޖިލީހުން ފާސްކޮށްފި އެވެ.

57 މެމްބަރުންގެ ވޯޓުން އެގޮތަށް ފާސްކުރީ 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ކުންފުންޏާ ހަވާލުކުރި މައްސަލާގައި އަމީން މުޅި މަޖިލީހަށް ގަސްދުގައި އޮޅުވާލާފައިވާތީ ކަމަށް ބުނެ އެވެ.

މަޖިލީހުން މިރޭ ފާސްކުރި ރިޕޯޓުގައި ބުނެފައި ވަނީ 16 އޯގަސްޓުގައި އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓު ރިޕޯޓުގައި ވާ މައުލޫމާތާއި އަމީން މަޖިލީހުގެ ކޮމެޓީއަށް ދެއްވި މައުލޫމާތު ދިމާނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

ވެންޓިލޭޓަރު ހޯދުމުގައި ޑަބްލިއުއެޗްއޯ އާއި ހެލްތް މިނިސްޓަރާ ދެމެދު ރަސްމީކޮށް މުއާމަލާތްކުރެވުނު ކަމަށް ބުނާ ބުނުން ސާބިތުކޮށްދިނުމަށް ކޮމިޓީއަށް ހުށަހެޅި އީމެއިލްގެ ކޮޕީ ކޮމެޓީން ބެލި ބެލުމުން، އެ އީމެއިލް އިން މުއާމަލާތްކޮށްފައި ވަނީ މިނިސްޓްރީގެ މުވައްޒަފަކާކަން ނުވަތަ މިނިސްޓްރީއާ ގުޅުންހުރި ފަރާތަކާކަން ފާހަގަވާން ނެތް ކަމަށް ވެސް އެ ރިޕޯޓްގައި ވެއެވެ.

ވެންޓިލޭޓަރު މައްސަލާގައި މިނިސްޓަރު އަމީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމި ނިންމުން ޕީޖީ އޮފީހުން އަންނަނީ އަލުން ރިވިއު ކުރަމުންނެވެ.