ޓިރާނާ (07 ސެޕްޓެމްބަރު) - އަލްބޭނިއާއިން އީރާނާއެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލައި، އެ ގައުމުގައި ތިބި އީރާނުގެ ސަރުކާރުގެ ސަފީރުންނާއި އެމްބަސީގެ މުވައްޒަފުން 24 ގަޑިއިރު ތެރޭގައި އެ ގައުމުން ދިއުމަށް އަންގައިފި އެވެ.

އަލްބޭނިއާއިން މިނިންމުން ނިންމާފައި މިވަނީ މިދިޔަ މަހު އެ ގައުމުގެ ސަރުކާރުގެ ސާވާތަކަށް ދިން ސައިބާ އެޓޭކްގައި އީރާނުގެ އަތެއް ވާކަން އެނގުމުން ކަމަށް ހަބަރުތައް ބުނެ އެވެ.

މީޑިއާތަކަށް ފޮނުވި ވީޑިއޯއެއްގައި އަލްބޭނިއާގެ ބޮޑުވަޒީރު އެޑި ރާމާ ވިދާޅުވީ ޖުލައި މަހު އެ ގައުމަށް ކުރިތމަތިވި ބޮޑު ސައިބާއެޓޭކް ރާވައި އެކަމަށް ފައިސާ ހޯދުމުގައި އީރާނުގެ ވަރަށް ބޮޑު ދައުރެއް އޮތް ކަމަށެވެ.

"މިވަގުތުން ފެށިގެން އިސްލާމިކް ރިޕަބްލިކް އޮފް އީރާނާއެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލަން ސަރުކާރުން ނިންމައިފިން، މި ނިންމުމަކީ ސައިބާ އެޓޭކްގެ ނުރައްކާތެރިކަމަށް ބަލާއިރު އެންމެ އެކަށީގެންވާ ފިޔަވަޅު ކަމަށް ދެކެން،" ރާމާ ވިދާޅުވި އެވެ.

ޖުލައި މަހު އަލްބޭނިއާއަށް ކުރިމަތިވި ސައިބާ އެޓޭކްގައި އެގައުމުގެ ސަރުކާރުގެ ޚިދުމަތްތަކުގެ އިތުރުން އާއްމު ޚިދުމަތްތަކުގެ ސާވާތައް ވެސް ހެކް ކުރަން މަސައްކަތް ކޮށްފައިވެ އެވެ.

2014 ވަނަ އަހަރު އީރާނުގެ އިދިކޮޅު ޖަމާއަތަކަށް އަލްބޭނިއާއިން ރައްކާތެރިކަން ދިނުމާއެކު އެދެގައުމުގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. -- އަލް އަރަބިއްޔާ