މިއަހަރުގެ ތިންވަނަ ދައުރުގައި 15 ބިލެއްގެ މަސައްކަތް ނިންމުމަށްފަހު ރައްޔިތުންގެ މަޖިލިސް މިއަދު ޗުއްޓީއަށް ހިނގައްޖެ އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މި ދައުރުގައި ޖަލްސާގެ ވަގުތުގައި މެންބަރުން ޖުމްލަ 89 ގަޑިއިރު، ކޮމިޓީ ގައި 330 ގަޑިއިރު މެންބަރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި 15 ބިލެއްގެ މަސައްކަތް ނިންމާ ފާސްކޮށްފައިވާ ކަމަށެވެ.

މިދައުރުގެ ތެރޭގައި ފާސްކޮށްފައިވާ މުހިންމު ބިލްތަކަށް ބައްލަވާ ލައްވާ އީވާ ވިދާޅުވީ، ތައުލީމީ ބިލާއި، ފުލުހުންގެ ޚިދުމުގެ ބިލާއި، ކުޑަކުދިންގެ ޤާނޫނުގެ އިތުރުން، އިންތިޤާލީ އިންސާފުގެ ބިލު މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. މި ދައުރުގައި ސަރުކާރުގެ އެކި ވަޒީރުންނާ ޖުމްލަ 17 ސުވާލެއް ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސަތުން ހުށަހެޅުނު އަށް މައްސަލައަކާއި ސަރުކާރުން ހުށަހެޅުނު 8 މައްސަލައެއްގެ އިތުރުން އެހެނިހެން މައްސަލަތަކުގެ ގޮތުގައި އިތުރު 14 ކަމެއް މަޖިލީހުން ނިންމާފައިވާކަމަށް އީވާ ވިދާޅުވި އެވެ.

ދެން މަޖިލިހުގެ ޖަލްސާތައް ފެށިގެންދާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.