އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވެއްޖެ ކަމަށް ޝާހީ އާއިލާގެ ރަސްމީ ގަނޑުވަރުން ދާދި ދެންމެ އިއުލާން ކޮށްފި އެވެ.
އެކަމަނާ އަވަހާރަވީ ސްކޮޓްލެންޑްގައި ހުންނަ އެކަމަނާގެ ގަނޑުވަރު ބެލްމޯރަލް ކާސަލްގަ އެވެ.
ދުނިޔޭގެ އެންމެ ގިނަ ދުވަސްވަންދެން ރާނީކަން ކުރެއްވި އެލިޒަބަތު އަވަހާރަވީ އުމުރުފުޅުން 96 އަހަރުގަ އެވެ.
އެކަމަނާ އަވަހާރަވިކަން ބަކިންހަމް ޕެލަސް އިން އިއުލާންކުރެއްވީ ހަވީރު 6:30 ގަ އެވެ.
ރާނީ އަވަހާރަވިއިރު އެކަމަނާގެ ހުރިހާ ބޭފުޅުން ވެސް ވަނީ ސްކޮޓްލެންޑްގައި ހުންނަ ބެލްމޯރަލް ކާސަލްއަށް ވަޑައިގެންފަ އެވެ.
އެކަމަނާ އަވަހާރަވިއިރު 70 އަހަރު ތަހުތުގައި ރެނދަލިކުރެއްވި އެވެ. އެކަމަނާ އަވަހާރަވިއިރު ހަތަރު ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. މީގެ އިތުރުން މާމަ ވިދާޅުވާ 8 ބޭފުޅުންނާއި މުނިމާމަ ވިދާޅުވާ 12 ބޭފުޅުން އެބަތިއްބެވި އެވެ.
ރާނީ އެލިޒަބަތު އަވަހާރަވުމާއެކި އޭނާގެ ދަރިކަލުން ޕްރިންސް ޗާލްސް އިނގިރޭސިވިލާތުގެ ރަސްގެފާނަށް ވަނީ ހަމަޖައްސައިފަ އެވެ.
އިނގިރޭސިވިލާތުގެ ނޫސްތަކުގައި ބުނެފައި ވަނީ އިނގިރޭސި ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން މާދަމާ ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރާނީ އަވަހާރަވުމާ ގުޅިގެން އެކަމަނާގެ ޖަނާޒާ "ލަންޑަން ބްރިޖް"ގެ ނަމުގައި މިހާރު ވަނީ ފަށައިފަ އެވެ. އަދި ދިހަ ދުވަސްވަންދެން ޖަނާޒާގެ ކަންތައް ލަންޑަންގެ ވެސްޓްމިނިސްޓާ އަބޭގައި ކުރިޔަށް ގެންދާނެ އެވެ. އަދި މިއަދުން ފެށިގެން ފަސް ދުވަސް ވަންދެން ރާނީ އެލިޒަބަތުގެ ސަންދޯއް ވެސްޓްމިނިސްޓާ ހޯލްގައި ބާއްވާނެ އެވެ. އެންމެފަހު އިހުތިރާމް އަދާކުރުމުގެ ގޮތުން އެތަނުގައި ސަންދޯއް ބޭއްވުމަށްފަހު އެކަމަނާގެ އާއިލާއަށާއި އާއްމުންނަށް ދައްކާލުން ކުރިޔަށް ގެންދާނެ އެވެ.
ރާނީ އެލިޒަބަތު އުފަންވެވަޑައިގެންނެވީ ޕިކަޑްލީ ޓައުން ހައުސްގައި އެޕްރިލް 21، 1926 ވަނަ އަހަރު އެވެ.
އިނގިރޭސިވިލާތުގެ ތަހުތަށް އެކަމަނާ އިސްވެވަޑައިގެންނެވީ ބައްޕާފުޅު ކިންގް ޖޯޖް ފެބްރުއަރީ 1952 ގައި އަވަހާރަވުމުންނެވެ. އެކަމަނާއަކީ އިނގިރޭސިވިލާތުގެ އިތުރުން 14 ގައުމެއްގެ އެންމެ އިސްވެރިޔާ އެވެ.
އުމުރުފުޅުން 25 އަހަރުގައި އިނގިރޭސި ތަހުތަށް އިސްކުރެއްވި އެލިޒަބަތު ވަނީ މި ގައުމުގެ 15 ބޮޑުވަޒީރުން އައްޔަންކުރައްވައިފަ އެވެ. އެކަމަނާ އެންމެ ފަހުން އައްޔަންކުރެއްވީ މިދިޔަ އަންގާރަ ދުވަހު ލިޒް ޓްރުސް އެވެ.