ދަތުރުފަތުރުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތަށް ބޭނުންވާ އިތުރު 65 ހައިސްޕީޑް ފެރީ ލޯންޗު ބަނުމުގެ އެއްބަސްވުމުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ސޮއި ކުރެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި ކުރިއަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީނާ އެކު ކައުންސިލުތަކުގެ ރައީސުން ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރްޓީއެލްގެ ފެރީގެ ހިދުމަތް ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި މިހާރު ފަށާފައިވާތީ އިތުރު ޒޯންތަކުގައި ވެސް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން އިތުރު ޒޯންތަކުގައި ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ ފެރީތައް ބަނުމަށް ބަޔަކާ ހަވާލުކުރުމަށް ތައްޔާރުވަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އިތުރު 65 ފެރީ ބަނުމުގެ މަސައްކަތުގައި ސޮއިކުރާ ހިސާބަށް މިވަނީ ގޮސްފައި. ފެށޭ ހަފްތާގައި ސޮއިކުރެވޭނެ ކަމަށް ބެލެވެ," އާޒިމް ވިދާޅުވި އެވެ.
މިދިޔަ ޖޫން 12 ގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް އުތުރުގެ ތިން އަތޮޅުގައި ފަށައިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިހާރު ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށް އާރްޓީއެލްގެ ފެރީން ދަތުރުކުރެވޭނެ އެވެ.
ޒޯން އެކެއްގައި ހިމެނޭ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންދަނީ 30 ނޮޓްގެ ބާރުމިނުގައި ދަތުރުކުރާ 17 ފެރީ ބޭނުންކުރަމުންނެވެ. މި އުޅަނދުތައް ބަނދެފަވަނީ ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުނިން ރާއްޖޭގަ އެވެ.
އާރްޓީއެލްގެ ފެރީ ފަރުމާކޮށްފައިވަނީ، ސީދާ މި ޚިދުމަތަށް ޚާއްސަކޮށްގެންނެވެ. ފަންސާސް މީހުންގެ ޖާގައިގެ މި ފެރީތަކަކީ، ތަނަވަސް، ހިތްގައިމު ދަތުރުރުކޮށްލަން ފަސޭހަ ފެރީތަކެކެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ބަލި މީހުން ވެސް ފަސޭހައިން އުފުލޭ ފެރީތަކެކެވެ.
ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތައް، އެމްޓީސީސީން ކުރިން ބޭނުންކުރަމުން އައި ފެރީތަކުގެ ސްޕީޑަށްވުރެ ތިން ގުނަ އަވަސް ފެރީތަކެއް ކަމަށް އެމްޓީސީސީން ބުނެ އެވެ.