ދަތުރު ކުރަމުން ދިޔަ ކާރު ޓްރެފިކްގައި ޖެހުމުން އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ ޑޮކްޓަރަކު 45 މިނެޓު ދުވެފައި ހޮސްޕިޓަަަލަށް ހިނގައްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މަނިޕާލް ހޮސްޕިޓަލުގައި މަސައްކަތްކުރާ އޮޕަރޭޝަން ޑޮކްޓަރެއް ކަމަށްވާ ޑރ. ގޯވިންދު ނަންދަކުމާރު ދަތުރު ކުރަމުން ދިޔައީ ބަލި މީހެއްގެ އޮޕަރޭޝަކެއް ކުރާށެވެ.

އެހެން ނަމަވެސް ޓްރެފިކްގައި ޖެހި އެތައް ގަޑިއިރެއް މަޑުކުރަން ޖެހޭނެތީ ކާރުން ނުކުމެ ފައިމަގުގައި ހޮސްޕިޓަލަށް އޭނާ މިސްރާބު ޖެހި އެވެ. އޭނާއަށް ހޮސްޕިޓަލަށް ދެވުނީ ތިން ކިލޯމީޓަރަށް ދުވެފަ އެވެ.

ތާވަލު ކުރެވިފައި އޮތީ ބަލި މީހެއްގެ މުހިއްމު ސާޖަރީ އެއް ކަމަށާއި އޭނާގެ ބަލިމީހާ އިތުރަށް މަޑުކުރުވަން ބޭނުން ނުވީ ކަމަށް ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ގޯވިންދު ބުންޏެވެ.

"އޮޕަރޭޝަން ނިމެންދެން ޕޭޝަންޓް ހުންނަން ޖެހޭނީ ހައިބަނޑާ. އެހެންވެ އިތުރަށް ވަގުތު ބޭކާރު ކުރަން ބޭނުން ނުވީ" ގޯވިންދު ބުނެފައިވެ އެވެ.

ގޯވިންދު ދަތުރު ކުރަމުން އައީ ޑްރައިވަރަކާ އެކުގައި ކަމަށާއި އެހެން ކަމުން ކާރު މަގުމައްޗަށް ދޫކޮށްލާފައި އޭނާ ނުކުތީ ކަމަށް ވެސް ގޯވިންދު ބުންޏެވެ.

މިއީ މިގޮތަށް ކާރުން ފައިބައިގެން އޭނާ ފައިމަގުގައި ހޮސްޕިޓަލަށް ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ގޯވިންދު ވަނީ ޓްރެފިކްގައި ޖެހި ހޮސްޖިޓަލަށް ދިއުން ލަސްވެދާނެތީ ފައިމަގުގައި ގޮސްފަ އެވެ.

ބެންގަލޫރުގައި ޓްރެފިކް ތޮއްޖެހުމަކީ އާއްމު ކަމެކެވެ. އެއްގަމު އުޅަނދުފަހަރު ގިނަ ކަމުން ޓްރެފިކްގައި ޖެހި އެތައް ގަޑިއިރަކު މަޑު ކުރަން ޖެހެ އެވެ.

ދާދި ފަހުން އެ ސަރަހައްދަށް ކުރި ވިއްސާރައާއެކު މަގުތަކުގެ ހާލަތު އިތުރަށް ގޯސްވެ ޓްރެފިކްގައި ހޭދަކުރަން ޖެހޭ ވަގުތު ވެސް ވަނީ ގިނަވެފަ އެވެ.