ބަދިގޭގައި އާންމުކޮށް ކާނާ ތައްޔާރުކުރަން ބޭނުންކުރާ ބާވަތްތަކަކީ ހަމަ އެކަނި ކެއުމުގައި ނޫނަސް ބޭނުންކުރެވޭނެ ތަކެޗެވެ. އެގޮތުން ފާހަގަކޮށްލެވޭ އެކައްޗަކީ ރީނދޫ އެވެ.
ރީނދޫ ތެރެއިންވެސް ގޮށް ރީނދުލަކީ ދިވެހި ބޭސްވެރިކަމުގައިވެސް ބޭނުންކުރާ ފައިދާހުރި ބާވަތެކެވެ. އަދި ހަންގަނޑު ބޯވުމާއި އެކްޒީމިއާގެ ބަލި ފަދަ ހަމުގެ ގިނަ މައްސަލަތަކަށް ފަރުވާކުރުމަށް ބޭނުންކުރެވޭ އެއްޗެކެވެ.
އެކި އެކި ސަބަބުތަކާއި ހުރެ ހޯމޯންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން އަންހެނުންގެ މޫނުމަތީގައި ފަޅާ ބޭކާރު އިސްތަށި ނައްތާލުމަށްވެސް ރީނދޫ ބޭނުންކޮށްގެން ކުރެވިދާނެ ފަރުވާ ހުރެ އެވެ.
ބޭނުންވާނެ ތަކެތި
- 2/1 ޖޯޑު ކިރު
- 2 މޭޒުމަތީ ސަމުސާ ރީނދޫ
- 2/1 ޖޯޑު ފުށް
- 1 މޭޒުމަތީ ސަމުސާ މޫދު ލޮނު
މި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށްފަހު ޕޭސްޓް ހަދާލާށެވެ. އެއަށްފަހު ބޭކާރު އިސްތަށި ފެޅުން ހުއްޓުވަން ބޭނުންވާ ހިސާބުގައި އުނގުޅާލާށެވެ. އަދި މާސްކް ހިކެން 10-15 މިނެޓް މަޑުކޮށްލާށެވެ. ހިކުމުން ތާފަނާ ފެންފޮދެއް ބޭނުންކޮށްލައިގެން މަޑު ތުވާލި ކޮޅަކުން ފުހެލާށެވެ.
ރީނދޫލަކީ މޫނުގައި އުފެދޭ ކުދި ރޫތައް ފިލުވާލާ މޫނުގެ ހަންގަނޑު އޮމާން ކޮށްދިނުމަށް އެހީވެދިނުމުގެ އިތުރުން މޫނުގައި ހުންނަ ގުދުރަތީ އޮފުކަން ދެމެހެއްޓުމަށް އެހީވެދޭ ބާވަތެކެވެ.
ރީނދޫގައި އެކުލެވޭ އެންޓިއޮކްސިޑެންޓްގެ ސަބަބުން ޔޫވީ ހަލާކުވުމުން ދުރުކޮށްދީ ހަންގަނޑު ހިރުވުމާއި އިރުގެ އަވިން ހަންގަނޑަށް ލިބޭ ގެއްލުމުން ސަލާމަތްކޮށްދިނުމަށް އެހީތެރިވެދެ އެވެ. ނާޒުކު ހަންގަނޑުގެ ސަބަބުން ހަންގަނޑު ކެހުމާއި ހިރުވާ މީހުންނަށް ރީނދޫއަކީ ފައިދާހުރި އެއްޗެކެވެ.
މީގެ އިތުރުން ރީނދުލަކީ ހަނގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމަށްވެސް ވަރަށް ރަނގަޅު އެއްޗެއްކަމަށް ދިރާސާއަކުން ދައްކަ އެވެ. އަދި މިއީ ގައިގެ ހަމުގެ ކުލަވެސް އަލިކޮށްދޭ އެއްޗެކެވެ.