ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދަން މަަޖިލީހުގެ މެޖޯރޮޓީ ލީޑަރު މުހައްމަދު އަސްލަމް ގޮވާލައްވައިފި އެވެ.

ގާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައެޅުމަށެވެ. ގާނޫނު އަސާސީގެ ޖަދުވަލު ދޭއްގައި ހިމެނޭ އިދާރީ ދާއިރާތަކުގެ ތެރޭގައި 87 އިންތިހާބީ ދާއިރާ ކަނޑައެޅުމަށްފަހު އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެންބަރު އިންތިހާބު ކުރުމަށް ގާސިމް އިބްރާހީމް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ.

މިއަދުގެ ޖަލްސާގައި މިބިލަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ އެފަދަ ބޮޑު ބަދަލެއް ގެންނައިރު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭނެ ކަމަށެވެ. މެންބަރުންގެ ޢަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް އޭނާ ތާއީދު ކުރައްވާ ކަމަށާއި, ނަމަވެސް 87 އައީ ކޮން ފޯމިއުލާއެއްގެ ދަށުން ކިހިނެއް އައި ނަންބަރެއްތޯ ވިސްނައިލަންޖެހޭ ކަމަށެވެ. އަދި އެ ޢަދަދު ކަނޑައެޅުމަށްފަހު އިދާރީ އެތައް މައްސަލައެއް ދިމާވާނެ ކަމަށާއި, އޭގެ ސަބަބުން ބައެއް ގާނޫނުތަކަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭނެކަން އަސްލަމް ފާހަގަކުރެއްވި އެވެ.

އަދި މަޖިލީހުގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނެސް، މެންބަރުންގެ އަދަދާ ގުޅޭގޮތުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަ އިރު، މަޖިލީހުން އަންހެން މެންބަރުންނަށް ޖާގަ ލިބޭނެ ގޮތަކަށް އެކުލަވާން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. ސަބަބަކީ ރާޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމުގައި ވިޔަސް މަޖިލީހުގެ ހަތަރު ޕަސެންޓުވެސް އަންހެނުން ހަމަ ނުވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިބިލަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ އާބަދީ އިތުރުވަމުން އަންނަ ނިސްބަތުން އެ އަދަދު އަންނަނީ ހުއްޓުމެއްނެތި އިތުރުވަމުން ކަމަށާއި މިއީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ.