ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެ ޖަމިއްޔާއަކީ މެންބަރު ގައުމުތަކަށް އިތުރު ލާބައާއި މަންފާ ލިއްބައިދެނިވި ގުޅުމަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވައިލައްވައިފި އެވެ.

އެ މަނިކުފާނު މި ކަމަށް ގޮވައިލައްވާފައި ވަނީ، މިއަދު ފާހަގަކުރަމުންދާ "ސާކް ޗާޓަ ޑޭ"ގެ މުނާސަބާގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިސާލަ ރުވާން ވީރަކޫންއަށް ފޮނުއްވި ޚާއްސަ މެސެޖެއްގަ އެވެ.

ރައީސްގެ މި މެސެޖުގައި، ސާކް އުފެދުނުތާ 36 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޖަމުޢިއްޔާގެ ސެކްރެޓަރީ ޖެނެރަލާއި، ސާކް ސެކްރެޓޭރިއެޓް އަދި ސާކް ޢާއިލާގެ މެންބަރުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރެއްވި އެވެ.

މި އަހަރުގެ ސާކް ޗާޓަ ޑޭ ފާހަގަކުރަމުން މި ދަނީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތެއްގައިކަން ފާހަގަކުރައްވާ، ރައީސް ސޯލިހުގެ މެސެޖުގައި އެ މަނިކުފާނު ވިދާޅުވީ މިފަދަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން ސާކް ފަދަ ގުޅުންތަކުގެ މުހިންމުކަން އިތުރުވެގެން ގޮސްފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި، މިފަދަ ހާލަތަކުން އަރައިގަތުމަށް ސާކްގެ ގައުމުތަކުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ވަރުގަދަކޮށް، ހެޔޮ އަދި މަންފާކުރަނިވި ކާމިޔާބީތަކެއް ހާސިލުކުރުމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ކޮވިޑް-19ގެ ހާލަތާއި ދުނިޔެ ބައްދަލުކުރުމާއެކު ސާކްގެ ގައުމުތަކުގެ ބައްދަލުވުމެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ، ސާކް ކޮވިޑް-19 އިމަޖެންސީ ރިލީފް ފަންޑް އެކުލަވައިލުން ވެގެންދިޔައީ ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދިން ކަމެއްގެ ގޮތުގައި ރައީސްގެ މެސެޖުގައި ސިފަކުރެއްވި އެވެ.

މި ހާލަތާމެދު އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ، ސާކްގެ ގުޅުމުގެ ފުރިހަމަ ލާބައާއި މަންފާ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރަން ޖެހިފައިވާ ހާލަތެއް ކަމަށެވެ. އަދި، މެންބަރު ގައުމުތަކުގެ މެދުގައި އިތުރަށް މަޝްވަރާކޮށް، ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް މަސައްކަތް ކުރުމުގެ ބޭނުންތެރިކަން އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން އެ މަނިކުފާނު ވަނީ 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ، ރާއްޖެއަކީ އެ ޖަމިއްޔާގެ ކުރިއެރުމާއި ތަރައްގީއަށް ނުހަނު ޚިދުމަތްތެރި މަސައްކަތްތަކެއް ކޮށްފައިވާ ގައުމެއްކަން ފާހަގަކުރައްވާ، އެ ގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވާފަ އެވެ. އަދި މުސްތަގުބަލުގައި ވެސް، މި ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި، ތަރައްގީއާއި، ހަމަޖެހުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވަމުންނެވެ.