ތެހްރާން (17 ސެޕްޓެމްބަރު) - ހެދުން އެޅުމުގެ އަދަބުތަކާ ޚިލާފަށް ބުރުގާ އަޅައިގެން މަގުމަތީގައި އުޅުމުން އީރާނުގެ ފުލުހުން އަނިޔާކުރި ކަމަށް ބުނާ އަންހެނަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

އުމުރުން 22 އަހަރުގެ މަހްސާ އަމީނީ ނަމަކަށް ކިޔާ އެ އަންހެން މީހާ ކުރްދިސްތާން ޕްރޮވިންސުން ވެރިރަށް ތެހްރާންއަށް ދަތުރު ކުރަމުން އަންނަނިކޮށް ފުލުހުން އޭނާ ހައްޔަރުކުރީ އޭނާ އަޅައިގެން ހުރި ބުރުގާ، ބުރުގާ އެޅުމުގެ މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނެ އެވެ.

އީރާނުގެ ފުލުހުން ބުނީ ހެދުން އެޅުމުގެ އަދަބުތަކާ ޚިލާފުވެގެން ހައްޔަރުގައި ހުރި އަންހެނަކަށް ހިތުގެ ކުއްލި މައްސަލައެއް ދިމާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް އީރާނުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ތުހުމަތުކުރާ ގޮތުގައި މަހްސާގެ ހާލު ދެރަވީ ހައްޔަރުގައި ބަހައްޓައިގެން ފުލުހުން އޭނާއަށް އަނިޔާ ކުރުމުންނެވެ.

ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަހްސާ ކޯމާއަކަށް ދިޔައިރު އޭނާ މަރުވެފައިވަނީ އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ކަމަށް ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވެ އެވެ.

އީރާނުގެ ހެދުން އެޅުމުގެ ގަވާއިދުގެ ދަށުން އަންހެނުން މުޅި އިސްތަށިގަނޑު ފޮރުވޭހެން ބުރުގާ އަޅަން ޖެހޭއިރު ލާންޖެހެނީ ގަޔަށް ދޫ ދިގު ހެދުންތަކެވެ. މި ގަވާއިދަށް ބޯނުލަނބާނަމަ ހައްޔަރު ކުރުމުގެ ބާރު އެގައުމުގެ ފުލުހުންނަށް ލިބިގެންވެ އެވެ. -- އަލް އަރަބިއްޔާ