މާލޭގެ ގޭންގަކަށް ނިސްބަތްވާ މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރުމުން އެގޭންގުން ފުލުހުންނަށް މަރުގެ އިންޒާރުދީފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރު ދީފާ ވާތީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސީޕީ ވިދާޅުވީ މާފަންނު ޕޮލިސްސްޓޭޝަން ކައިރިއަށް އެއްވި މީހުންނާމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. ޖަމާއަތް ހަދައި ކުށްކުރުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް ހަމީދު ދެއްވި އެވެ.
މީގެއިތުރުން މި މަހުގެ ނުވަ ވަނަ ދުވަހު ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުންނަށް ވެސް ހަމަލާދީފަ އެވެ. ފުލުހުންނަށް ހަމަލާދިނީ ހެންވޭރުގެ ގޭންގަކުން ކަމަށް ސީޕީ ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން އަށް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.