މީގެ ދެއަހަރު ކުރިން ދިވެހި ނޫސްވެރިކަން އޮތް ޙާލަތު، އަދި ދިވެހި ގައުމު އޮތް ޙާލަތު ވެސް، އެއްވެސް މީހަކު ހަނދާން ނުނެތޭނެ ކަމަށާއި އެއްވެސް ނޫސްވެރިއަކު، އަދި ދިވެހި އެއްވެސް ރައްޔިތަކުވެސް، އެނބުރި އެދުވަސް ދެކެން ބޭނުންނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ޙަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މީގެ ދެ އަހަރު ކުރިން، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ވެސް، އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ވެސް މައިގަނޑު މަސައްކަތަކަށްވެފައި އޮތީ، ނޫސްވެރިންނާ ދެކޮޅަށް ހުށަހެޅޭ ޝަކުވާތައް ބަލައި، ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް ފިޔަވަޅު އެޅުން ކަމަށެވެ. ނަމަވެސް މިއަދު އެ ސަގާފަތް މުޅިން ބަދަލުވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގައި މިހާރު މިއޮތީ ވަރަށް ވާދަވެރި ނޫސްވެރިކަމެއް. އަދި ނޫސްވެރިކަމުގެ ވަރަށް މިނިވަން ޖައްވެއް މިހާރު އެބައޮތް. މި ދެންނެވި މިނިވަން ނޫސްވެރިކަމުގެ ތެރޭގައި، ވަރަށް ގިނަ ނޫސްވެރިންތަކަކާ ވާދަކޮށް އެވޯޑެއް ހާސިލުކުރާއިރު، ދެން އެންމެ ބޮޑަށް މަސައްކަތް ކުރަންވީ، ތިމާއަށް ލިބޭ އެވޯޑުގެ ނަން ދެމެހެއްޓުމަށް،" އެވޯޑް ލިބުނު ފަރާތްތަކާ މުޚާތަބުކުރައްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު މިއޮތީ ވަރަށް ވާދަވެރި ނޫސްވެރިކަމެއް. އަދި ނޫސްވެރިކަމުގެ ވަރަށް މިނިވަން ޖައްވެއް މިހާރު އެބައޮތް. މި ދެންނެވި މިނިވަން ނޫސްވެރިކަމުގެ ތެރޭގައި، ވަރަށް ގިނަ ނޫސްވެރިންތަކަކާ ވާދަކޮށް އެވޯޑެއް ހާސިލުކުރާއިރު، ދެން އެންމެ ބޮޑަށް މަސައްކަތް ކުރަންވީ، ތިމާއަށް ލިބޭ އެވޯޑުގެ ނަން ދެމެހެއްޓުމަށް،
ރައީސް ސޯލިހު

އެ މަނިކުފާނު ވިދާޅުވީ ޒަމާނީ ޑިމޮކްރެސީގެ ހަމަތައް ގަބޫލުކުރާގޮތުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމަށެވެ. އަދި ނޫސްވެރިން ފަތުރާ ޚަބަރާއި މައުލޫމާތުން، މުޖުތަމައަށް ފޯރާ އަސަރާއި ނުފޫޒަށް ބަލާއިރު ވެސް، އެއީ ހަގީގަތުގައި ވަރަށް ބޮޑު ތެދެއްކަން ގަބޫލުކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެންކަމަށްވާނަމަ، ނޫސްވެރިންގެ ކޮނޑުގައި ވަރަށް މަތިވެރި ގައުމީ ޒިންމާއެއްވެސް އެޅިގެންދާނެކަން ޤަބޫލުކުރަންޖެހޭ. މިޒަމާނުގެ ނޫސްވެރިކަމަކީ، މުޖުތަމައުގެ ކަންކަން ބޭނުން މިސްރާބަކަށް ބަދަލުކޮށްލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް. ހަމައެފަދައިން، އިންފޮމޭޝަން ޓެކްނޯލޮޖީގެ އޮއިވަރުގައި ވަރަށް ހަލުވިކަމާއެކު، މުޖުތަމަޢަށް ފެތުރިގަންނަ އެއްޗެއްވެސްމެ. އެހެންކަމުން، ނޫސްވެރިޔާގެ އަތުން، ނޫސްވެރިކަމުގެ ހަގީގީ ލަގަން ދޫވެއްޖެނަމަ، ނޫސްވެރިކަމުން މުޖުތަމައަށް ލިބެންޖެހޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މުޖުތަމަޢުގެ ގިނަ ބަޔަކަށް އަދި ގިނަ ނޫސްވެރިންނަށް ވެސް ގަބޫލުކުރެވިފައި އޮންނަނީ، ނޫސްވެރިކަމަކީ ކަމެއް ހިނގީމާ އެކަމެއް ހިނގިކަން، ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ކަމަށެވެ. ނުވަތަ އެ ނޫސްވެރިއަކު ޝައުގުވެރިވާ ދާއިރާއަކުން، ރިޕޯޓެއް ނުވަތަ ފީޗާއެއް ލިޔެލުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ނަމަވެސް ހަގީގަތުގައި ނޫސްވެރިކަމުގެ ދާއިރާ އެއަށްވުރެ މާފުޅާ. ނޫސްވެރިންގެ ޒިންމާވެސް އެއަށްވުރެ މާބޮޑު. އެއިރަކު ހުރި އިޖުތިމާއީ ބޮޑެތި މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމަކީ ވެސް، ނޫސްވެރިންގެ ޒިންމާއެއް. މަސްތުވާތަކެތީގެ މައްސަލަތަކާއި، ހަރުކަށި ފިކުރުގެ މައްސަލައަކީވެސް ޙައްލު ހޯދަންޖެހިފައިވާ އިޖުތިމާއީ ބޮޑެތި މައްސަލަތައް،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު މި ދަންނަވަނީ، މިފަދަ މައްސަލަތަކާ ބެހޭގޮތުން ނޫސްވެރިން ނުލިޔުއްވާ ވާހަކައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ، މަސްތުވާތަކެއްޗާ ދުރަށްދާނެގޮތާއި، އެފަދަ މައްސަލަތައް ޙައްލުކުރާނެގޮތް ބުނެދީ، އެކަންކަން ޙައްލުކުރުމުގެ ގޮތުން ތަކުރާރުކޮށް ލިޔެވޭ ލިޔުންތައް މަދު ވާހަކަ."

ރައީސް ވަނީ މިރޭ ވެސް މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާން އާއި ޔާމީން ރަޝީދުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވައިފަ އެވެ.

ނޫސްވެރިކަމުގެ މިފަދަ ޙަފްލާއެއް ކުރިއަށްދާއިރު، އަޅުގަނޑުގެ ސިކުނޑިއަށް އަންނަނީ، ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރިގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ ހަނދާންތައް
ރައީސް ސޯލިހު

ރައީސް ވިދާޅުވީ "ނޫސްވެރިކަމުގެ މިފަދަ ޙަފްލާއެއް ކުރިއަށްދާއިރު، އަޅުގަނޑުގެ ސިކުނޑިއަށް އަންނަނީ، ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރިގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ ހަނދާންތައް" ކަމަށެވެ. އަދި އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް، ހުއްޓާ ނުލައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއީ، އުނދަގޫ މަސައްކަތެއް. ނަމަވެސް، އެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.