އައްޑޫ ސިޓީ ހިތަދޫގައި ފުލުހުންނަށް އިންޒާރުދިން ދެ ޒުވާނުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނަކާއި 22 އަހަރުގެ ޒުވާނެކެވެ. އަދި މި އެދެމީހުން ފުލުހުންނަށް އިންޒާރުދީފައިވަނީ ސައިކަލެއް ޓޯ ކުރުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެދެމީހުން ހައްޔަރުކޮށް، ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި، އެދެމީހުންގެ މައްސަލައަކީ ލައިސަންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯ ކުރި މައްސަލައެކެވެ. އަދި އެކަމާއި ގުޅިގެން ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށާއި، އެ މައްސަލައިގައި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ދެ ޒުވާނުންނާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން މީޑިއާތަކާއި ހިއްސާކޮށްފައެއް ނުވެ އެވެ.