މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ "އެއްލައްކަ ގަސް" ޕްރޮގުރާމްގެ ދަށުން މާލޭގައި މިހާތަނަށް 142 ކަދުރު ރުއް އިންދާފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

މި ޕްރޮގުރާމްގެ ދަށުން މާލޭގައި ޖުމްލަ 200 ކަދުރު ރުއް އިންދުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އެހެނި އެހެން ބާއްވަތްތަކުގެ ގަސް ވެސް އިންދާނެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ 68 ވަނަ ރަސްމީ އާއްމު ޖަލްސާގައި މި ތަފްސީލްތައް ހާމަކޮށްދެއްވާފައި ވަނީ ކައުންސިލްގެ ގަސް ކޮމެޓީގެ މެންބަރު އަދި މާލޭ ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވް އަހުމަދު ޝަރީފް އެވެ.

ގަސް ކޮމެޓީގެ ފަރާތުން މި މައުލޫމާތުތައް ހާމަކުރައްވަމުން އަހުމަދު ޝަރީފް ވިދާޅުވީ މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި، އަމާޒަކީ މާލެތެރެ ފެހިކުރުން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް ޓަކައި ހިމެނިފައިވާ އިތުރު ކަންކަން ވަނީ ފާހަގަކުރައްވައިފަ އެވެ.

މި ޕްރޮގްރާމަށް އިތުރުކުރި ކަންކަމުގެ ތެރޭގައި ރާއްޖެއިން ލިބެން ނެތް ގަސްތައް ބޭރު ޤައުމުތަކުން ގެނައުމާއި، ރާއްޖެއިން އުވެމުންދާ ބައެއްކަހަލަ ގަސްތައް ދިރުވާ އާލާކުރުމުގެ އިތުރުން، ގަސް އިންދާހެއްދުމަށް ބޭނުންވާ ބާވަތްތައް ލިބެން ހުންނާނެ އިންތިޒާމް ހަމަ ޖެއްސުމާއި، ގަސްތައް ބެހެއްޓުމަށް ހެދިފައިވާ ނާސަރީތައް ތަރައްގީކުރުން ހިމެނެ އެވެ. މި ގަސްތައް ގެނެސް ބެހެއްޓުމަށްޓަކައި މިހާރު ވެސް ކާނިވާ ސަރަހައްދުގައި އަދި ތައިސޭކޮށީގައި ދެ ނާސަރީ ހެދިފައިވާ ކަމަށާއި، ވިލިމާލޭގައި އަދި ހުޅުމާލޭގައި ވެސް އިތުރު ނާސަރީއެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމުގައި ކޮމެޓީގެ ފަރާތުން އަހުމަދު ޝަރީފް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މި ޕްރޮގްރާމާ ގުޅޭ އިދާރީ ކަންކަން ކުރުމަށްޓަކައި ޕްރޮޖެކްޓް އޮފީހެއް ވެސް ޤާއިމް ކުރެވިފައިވާ ކަމަށާއި، މި ކަމަށް ބޭނުންވާ ވެލި ތައްޔާރުކުރުން ވެސް ކުރިއަށްދާ ކަމުގައި ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި އާންމު ރައްޔިތުންނަށް ފެންނާނެހެން އައުޓްލެޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގައި ކޮމެޓީގެ ފަރާތުން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް، ހިޔާ ލިބޭ ބޮޑެތި ގަސްތައް ވަނީ އިންދައިފަ އެވެ. މިއާއެކު މާލެ ވަށައިގެން ކަދުރު ރުއް އިންދުމުގެ މަސައްކަތް 24 މެއި ގައި ފަށާފައިވާއިރު މިކަމުގެ ތަފްސީލް ވެސް މިއަދުގެ ޖަލްސާގައި ވަނީ ހާމަކުރައްވައިފަ އެވެ. އެގޮތުން ކާނިވާ ބަސް ޓާމިނަލްގައި 14 ރުއް، އާޓިފިޝަލް ބީޗްގައި 23 ރުއް، ބީޗް ވޮލީ ކޯޓް ސަރަޙައްދުގައި އަށް ރުއް، އަދި ލޮނު ޒިޔާރަތްޕާކް ކަންމަތީގައި 12 ރުއް، މީގެ އިތުރުން ރިންގް ރޯޑްގައި 85 ކަދުރު ރުއް މިހާތަނަށް އިންދާފައިވާކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 142 ކަދުރުރުއް ވަނީ އިންދިފަ އެވެ. މި ޕްރޮގްރާމްގެ ދަށުން 200 ކަދުރުރުއް އިންދުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ގަސް ޕްރޮޖެކްޓް ކޮމެޓީގެ މުޤައްރިރު މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުالله ނާޞިރު ވިދާޅުވީ ގަސް މުށިތަކުގައި އިޝްތިހާރާއި ކައުންސިލާ ގުޅޭ މުހިންމު މައުލޫމާތު ޖެހުމަށް ޑިޖިޓަލް ސްކްރީން ހަރުކުރެވިފައިވާނެ ކަމަށެވެ.

ގަސްތައް ގެނެސް ބެހެއްޓުމަށްޓަކައި ތައިސޭކޮށީގައި ހެދިފައިވާ ނާސަރީ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މާލޭ ސިޓީގެ މޭޔަރު ވިދާޅުވީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ މަޝްރޫއުއަކަށް ވެގެންދާނެ ގޮތަށް މިކަން ރާވާ ހިންގަންޖެހޭނެ ކަމަށާއި، މި ކަމަކީ ޑިޖިޓަލް މާލެ މަޝްރޫޢު އާ ވެސް ގުޅިގެންދާނެ ކަމެއް ކަމަށެވެ. އަދި މި މަސައްކަތުގައި އުޅުއްވާ ހުރިހާ ފަރާތްތަކަށް މޭޔަރު މުއިއްޒު ވަނީ ޝުކުރު ދަންނަވައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އިންދަން ހަމަޖެހިފައިވާ 65 އިންސައްތަ ގަހަކީ އަނބުގަހެވެ. އަދި ބާކީ އިންސައްތައިގެ ތެރޭގައި، ސައްކެޔޮ ގަސް، ހިތިގަސް އަދި ދަނބުގަސް ފަދަ ގަސް ހިމެނެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ފެށުމަށް ހަމަޖެހިފައިވާ އެއްލައްކަ ގަސް ޕްރޮގްރާމަކީ ކުރިއަށްއޮތް ފަސް އަހަރަށް އެކުލަވާލައިފައިވާ މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތްތަކުގެ ލަފާ އާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާ އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއުއެކެވެ.