ރާޢްޖޭގައި މަސްވެރިކަން ރަނގަޅުވެފައިވާ މޫސުމުގައި މަސްވެރިންނަށް ދިމާވެފައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް އެ މައްސަލަތަކަށް ހައްލު ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން މައްސަލަ ބަލައިގަތުމަށް 25 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. އަދި ހަތަރު މެންބަރުން ދެކޮޅަށް ވޯޓު ދެއްވާފައިވާއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރު އިންނެވި އެވެ.

ޝިޔާމް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތުމާއި މަހުގެ އަގު ކޮންޓްރޯލް ކުރުމާއި އެކަށީގެންވާ ގޮތަކަށް އައިސް ލިބޭނެ ގޮތެއް ނެތުމާއި ބާނާ މަސް ކިރާނުލެވޭތީ ބަހާލަންޖެހުމަކީ މަސްވެރިންގެ ކަންބޮޑުވުން ހުރި މައްސަލަތައް ކަމަށެވެ.

މަސްވެރިކަން ރަނގަޅު މިދުވަސްވަރު ވެސް މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތި އެކި ހިދުމަތްތައް ހޯދުމަށް އެކި ނަންނަމުގައި ތިން ހަތަރު ދުވަހު ކިޔުގައި މަޑުކުރަންޖެހުމާއި ކިޔޫގައި ތިބެ ހިދުމަތް ނުލިބި އަދި މަހަށްވެސް ނުފުރި ދިއުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ ގެއްލޭ ކަމެއް ކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

"އައިސް ކިޔުއާއި ތެޔޮ ކިޔުއާއި މަސްކިޔުގައި ރެއާ ދުވާލު ތިބެތިބެ މަސްވެރިން ގޮތް ހުސްވެފައިވާތީއާއި، ކޮންމެ ދޯންޏަކުން މަސްގަންނަ އަގު ލިމިޓް ކޮށް މަސްވެރިން 3ކިޔުގައި މަޑުކުރަން ޖެހޭ ދުވަސްތައް ގިނަވުމުން މަސްވެރިންނަށް މަހެއްގެ ލިބޭ އާމްދަނީގެ މިންވަރު މަދުވެ، ދޯނީގެ ޚަރަދުތައް ހަމަޖައްސަން ދަތިވުމާއި، އެހާ ގިނަ ދުވަހު ކިޔުގައި މަޑުކުރަންޖެހުމުން މަސްކޮޅު ހަލާކުވެ ކިރޭގޮތް ނުވުން.."ޝިޔާމް ވިދާޅުވި އެވެ.

މިސަރުކާރަށް ހަތަރު އަހަރު ފުރޭއިރުވެސް މަސްކިރުމާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކަށް ޙައްލެއް ނުލިބި މަސްވެރިން ބާނާމަސް ނުކިރުވި، މަސްވެރިން އިތުރަށް ބިކަ ވަމުންދާކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް މަސްވެރިކަން ރަނގަޅުވެފައިވާއިރު މަސްވެރިން ބާނާ މަސް ނުކިރޭތީ މަސްވެރިންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.