މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ގެ ކުއްލި އެހީގެ ލޯނެއް ހަމަޖައްސައިދީފި އެވެ.
އޭޑީބީން އިއްޔެ ހާމަކުރި ގޮތުގައި، މި ފައިސާ ދޫކުރަނީ އެ ބޭންކުގެ 'އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުންނެވެ. މި އެހީގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމަށާއި، ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ތަކެއްޗާއި ކާބޯތަކެތި އަތޮޅުތެރެއަށް އުފުލުމުގެ ލޮޖިސްޓިކްސް މަސައްކަތްތަކަށާއި، ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ވެސް މި ފައިސާ ބޭނުންކުރާނެއެވެ.
އޭޑީބީން ފާހަގަކުރި ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމުގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ދިއުމަކީ ސަރުކާރުގެ މާލީ ގާބިލުކަމަށް ބޮޑު ބުރައެއް އުފުލަންޖެހުނު ކަމެކެވެ. ރާއްޖޭގެ ކަރަންޓު އުފެއްދުމުގެ 94 އިންސައްތަ ޑީސަލަށް ބަރޯސާވެފައިވާއިރު، ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކީ ގައުމުގެ އިގްތިސާދަށް ސީދާ އަސަރުކުރާ ކަމެކެވެ.
މިދިޔަ މޭ މަހު ވޯލްޑް ބޭންކުން ވެސް ވަނީ ތެޔޮ އެތެރެކުރުމަށް އެހީވުމުގެ ގޮތުން 40 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދީފަ އެވެ. މިއާއެކު، ތެލުގެ ސަޕްލައި ދެމެހެއްޓުމަށް މި ދެ ބޭންކު ގުޅިގެން ދޭ އެހީގެ ޖުމްލަ މިވަނީ 90 މިލިއަން ޑޮލަރަށް އަރާފަ އެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމަ ވަރުގަދަވުމުގެ ކުރިން ތެޔޮ އެތެރެކުރުމަށް މަހަކު ހޭދަވަނީ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރެވެ. ނަމަވެސް، މިހާރު އެ ހަރަދު ވަނީ 116 މިލިއަން ޑޮލަރަށް އުފުލިފަ އެވެ. މިއީ ގާތްގަނޑަކަށް 110 އިންސައްތައިގެ އިތުރުވުމެކެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މުޅި ރާއްޖޭގެ ކަރަންޓު އުފެއްދުމަށް ދުވާލަކު 8,000 ފީފާގެ ޑީސަލް ބޭނުންވެއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތަކުން ދައްކާގޮތުގައި، ޖެނުއަރީން މާޗް މަހުގެ ނިޔަލަށް ތެޔޮ އެތެރެކުރުމަށް 240 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 50 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ޕެޓްރޯލަށް ކުރި ހޭދަ ވަނީ 22 މިލިއަން ޑޮލަރުން 48 މިލިއަން ޑޮލަރަށް، އެބަހީ ދެގުނައަށް ވުރެ ބޮޑަށް އިތުރުވެފަ އެވެ.
"ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ގާނޫނާ އެއްގޮތަށް"
ސީއެމްޑީއޭގެ ނަމުގައި ސްކޭމެއް
އެއީ އާދައެއް: "ޑޮން 3"އިން ރަންވީރު ވަކިވުމުން ފަރްހާންގެ ރައްދު