މިހާރަކަށް އައިސް އާއިލާ އެކުގައި ކެއުމަށް އިންސާފުކުރާ މަންޒަރު ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް އެކަމުން ދަރިންނަށް ލިބޭ ފައިދާތައް އެނގޭ ނަމަ މިއީ ކޮންމެ އާއިލާއަކުން ވެސް އެ އާއިލާއެއްގެ ތެރޭގައި އަށަގަންނުވަން ބޭނުންވާނެ އާދައެކެވެ.
ދިރިއުޅުމުގެ ބުރަކަމުގެ ތެރެއިން ވެސް އާއިލާއާއެކު އެއް ސުފުރާމަތިން ކެއުމަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ފައިދާތަކެއް ހުރި ކަމެކެވެ
ފުޑް އެންޑް ނިއުޓްރިޝަންސް ޕްރޮފެޝަނަލްސް އެންމެ ގިނަ އެމެރިކާގެ ޖަމިއްޔާ، އެކެޑެމީ އޮފް ނިއުޓްރިޝަން އެންޑް ޑައިބެޓިކްސްގެ ޑައިޓީޝަން ނިއުޓްރިޝަނިސްޓް އަދި އެ އެކެޑަމީގެ ތަރުޖަމާން ކްރިސްޓެން ގްރެޑްނީ ވިދާޅުވާ ގޮތުގައި، އާއިލާއެކުގައި ކެއުމަކީ ކުދިންނަށް ސިއްހަތު ރަނގަޅު ކާނާ ކެއުމަށް ބާރުއަޅާ ކަމެކެވެ.
"ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން އެކުގައި ކައި އުޅޭ އާއިލާތަކުގެ މެދުގައި ގިނައިން މޭވާ އާއި ތަރުކާރީ އަދި ފައިބާ ހުންނަ ކާނާ ކެއުން އިތުރުވެ ތެލުލި ކާނާ ކެއުން މަދުވޭ،" ގްރެޑްނީ ވިދާޅުވި އެވެ.
އާއިލާއެކުގައި ކާނަމަ ކެއުމަށް ހުންނަ އޮއްޓަރު ރަނގަޅު ކާނާގެ ސަބަބުން އާ ކެއުންތައް ތަޖުރިބާކުރަން ކުދިން ބޭނުންވެ، އެ ކުދިންގެ ސިއްހަތާއި ބަރުދަން ވެސް ރަނގަޅު ކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އާއިލާ އެކުގައި އެއް ސުފުރާ މަތިން ކާނަމަ އާއިލާ ތެރޭގައި އޮންނަ ގުޅުން ވެސް ވަރުގަދަކޮށްދީ ބަދަހި ކޮށްދެ އެވެ. އެއީ އެ ވަގުތުގައި އާއިލާ ތެރޭގައި ވާހަކަދެއްކުން އިތުރު ވުމެވެ.
އެފަދަ ވަގުތުތަކުގައި ކުޑަކުދިން އެ ކުދިންގެ އިހުސާސްތައް ވެސް ހިއްސާކުރަން ފަސޭހަވެ، އެ ކުދިންގެ އަހުލާގު ވެސް ރަނގަޅުކުރަން ބާރު އެޅި، ސްކޫލުގައި ހޯދާ ނަތީޖާ ވެސް ރަނގަޅުވެގެންދާ ކަމަށް ގްރެޑްނީ ވިދާޅުވި އެވެ.
އެހެން ކަމުން ދަރިންނަށްޓަކައި އާއިލާ އެކުގައި ކެއުމުގެ އާދަތައް ހަރުލައްވަމާތޯ އެވެ.