ހުޅުމާލެއިން ގެއްލުނު ކުއްޖާ މަރާލާފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު 5:45 ހާއިރު ފެނިފައިވާ ކަމަށެވެ.

އެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ސަހަރާ ބިއްދޮށުން އޮންނަ ބޯ ގަސްތަކުގެ ތެރެއިންނެވެ. އޭނާ އެންމެ ފަހުން ސީސީޓީވީ ކެމެރާއަކުން ފެނިފައި ވަނީ އެތަނާ ކައިރީގައި އޮންނަ ރެޑްބުލް ދަނޑު ސަރަހައްދަށް ޓެކްސީއެއްގައި ގޮސް ފައިބަނިކޮށެވެ.

"އިތުރު މައުލޫމާތު މިރޭގެ ވަގުތެއްގައި ހިއްސާކުރާނެ ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.

އުމުރުން 27 އަހަރުގެ އަޒްހާން ގެއްލިގެން ރިޕޯޓްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

އަޒްހާން ގެއްލުނުއިރު ލައިގެން ހުރީ މާޖެހި ޕިންކު ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ބެހޭ އިތުރު މައުލޫމާތު މިރޭ 7:45 ގައި ހިއްސާކުރާނެ ކަމަށެވެ. އެ މައުލޫމާތު ހިއްސާކުރުން އޮންނާނީ ހުޅުމާލޭގެ ނިރޮޅުމަގު ވޯޓާ ތީމް ޕާކް ހަދަމުން އަންނަ ސަރަހައްދުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.