ކްރިތީ ސަނޯން އާއި ޕްރަބާސްގެ އިތުރުން ސައިފް އަލީ ޚާން އެކީގައި ކުޅުނު ފިލްމު "އަޑިޕުރުޝް" އަކީ ގިނަ ބަޔަކު އެފިލްމަކަށް އެންމެ އިންތިޒާރު ކުރަމުންދިޔަ އެއް ފިލްމެވެ.

ހިންދޫ ދީނުގެ ވާހަކަތަކަށް ބިނާކޮށް އެ ފިލްމު ކުޅޭއިރު، ފިލްމުގެ ބަތަލެއްގެ ރޯލު ކުޅެނީ ޕްރަބާސް އެވެ. އަދި ބަތަލާގެ ރޯލު ކްރިތީ ކުޅޭއިރު، ފިލްމުގައި ނެގެޓިވް ރޯލަކުން ސައިފް ފެނިގެންދާނެ އެވެ.

މަޝްހޫރު، އަދި ކާމިޔާބު ފިލްމުތައް ކުޅެދީފައިވާ ފަންނާނުން އަދިޕުރުޝް ކުޅުނު ނަމަވެސް ފޭނުންނަށް އެ ފިލްމުގެ ޓީޒާ އެއްގޮތަކަށް ވެސް ކަމުނުދާކަމަށް ސޯޝަލްމީޑިއާގައި އާންމުން ދަނީ ބުނަމުންނެވެ. ފޭނުން މިފަދައިން ބުނެފައިވަނީ އިއްޔެ އަދިޕުރުޝްގެ ޓީޒާ ދައްކާލުމުންނެވެ.

އެގޮތުން މިހާތަނަށް ޓީޒާއިން ފެނުނު ފިލްމުގެ ޑައިލޮގްތަކަށް އާންމުން ފާޑުކިޔާފައިވާއިރު، ފިލްމުގެ އެޑިޓިން ކޮލިޓީ ވެސް ކަމުނުދާކަން އާންމުން ފާހަގަކޮށްފައިވެ އެވެ. އަދި މިއީ ފިލްމު "ބާހޫބަލީ" ފަދަ ކާމިޔާބު ފިލްމުތައް ކުޅުމަށްފަހު ޕްރަބާސްގެ ކެރިއަރުގައި އެންމެ ނާކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ފޭނުން ލަފާކޮށްފައިވެ އެވެ.

އެ ފިލްމު މީގެ ކުރިން ނެރުމަށް ހަމަޖެހިފައި އޮތީ އޮގަސްޓު މަހުގަ އެވެ. އެހެން ނަމަވެސް އެ ފިލްމް ރިލީޒްކުރާ ތާރީހު މިހާރު ވަނީ އަންނަ އަހަރުގެ ޖެނުއަރީ އަށް ބަދަލުކޮށްފަ އެވެ.