ތާރުއަޅައިގެން މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާއިރު އެމަގުގެ ދުއްވަން އޮންނަ ބައި ހަނިކުރާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުޢިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު އަމީނީ މަގު ހަދަމުންދަނީ މަގުގެ ދުވާރު ވަރަށް ބޮޑަށް ފުޅާކޮށް މަގުގެ އުޅަނދުފަހަރު ދުއްވާ ބައި ހަނިކޮށްގެން ކަމަށެވެ. އަދި މިގޮތަށް ހަނިކުރުމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެ ކަމަށްވެސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

"އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ވަރަށްފުޅާކޮށް، މަގުގެ ދުއްވަން އޮންނަބައި 25ފޫޓުން 21 ފޫޓް 10އިންޗިއަށް ހަނިކޮށްކަމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެނޭ. ބިމުގެ އަޑިއަށްލުމަށް ކުރިން ނިންމާފައިވާ "ކޭބަލްޓްރޭ" އަނެއްކާވެސް މިފެންނަނީ ބިމުން މަތީގައި ހަދަމުންދާތަން" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

އަމީނީ މަގު ހަދަމުންދާ ގޮތާ މެދު މުއިއްޒު ފާޑުވިދާޅުވިއިރު، އެ މަގު ހެދުމަށް ޓަކައި މަގުގައި ހުރި ގަސްތަކެއް ކަނޑާލުމުން ވެސް ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުން ހުއްޓާލުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެ ކޯޓުން މައްސަލަ ރަޖިސްޓްރީ ކޮށްދީފައި ވެސް ވެ އެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށް ދަނީ ވެސް ކޮންްސަލްޓެންޓުން ދިން ލަފައާ ހިލާފަށްކަން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވެ އެވެ.

އަމީނީ މަގަކީ ސަރުކާރުގެ ގިނަ އޮފީސްތަކާއި ސްކޫލުތަކެއް ހިމެނޭ މަގަކަށްވާއިރު މަޖީދީމަގުގެ އިތުރުން މާލޭގެ އެންމެ ބާރު ބޮޑު މަގަކީވެސް އަމީނީ މަގެވެ.