ގާނޫނީ ވަކީލުން މަސައްކަތުގެ ދާއިރާއިން ބޭރުން ކުރާ ކަންކަން ބެލޭނެގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަނެވެ.

އެފަދަ އިސްލާހެއް ހުށަހަޅަން ޖެހުނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރުގެ ވަކީލުކަމުގެ ހުއްދަ ސަސްޕެންޑުކޮށްދިނުމަށް ބާ ކައުންސިލަށް ހުށަހެޅި މައްސަލަ ބެލޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް އެ ކައުންސިލުން ކަނޑައެޅުމުންނެވެ.

ކޮމެޓީން މިއަދު ފާސްކުރީ ސުލޫކީ މިންގަނޑަކާ ޚިލާފަށް ވަކީލަކު އަމަލުކޮށްފިނަމަ އަދި އެކަމަކީ އަދުލު އިންސާފުގެ ހަމަތަކާ ޚިލާފް ނުވަތަ ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭފަދަ ކަމެއް ނަމަ، އެފަދަ މައްސަލަތައް ބާ ކައުންސިލަށް ބެލޭ ގޮތަށެވެ. އަދި މީހަކު ހުށަނޭޅިޔަސް، ބާ ކައުންސިލަށް އަމިއްލަ އިސް ނެގުމުގައި އެފަދަ މައްސަލަތައް ބެލޭ ގޮތަށް އެ އިސްލާހުގައިވެއެވެ.

އެގޮތަށް ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކުރީ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ބާ ކައުންސިލް ހިންގުމަށްޓަކައި ވަކީލުން އަތުން ފީ ނެގުމާއި ޖޫރިމަނާ ކުރުމުގެ ބާރު އެ ކައުންސިލަށް ދިނުމަށް ވެސް ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.