ޕްރަބާސް އެންމެ އަވަހަށް ފިލްމު "އަޑިޕުރުޝް" އިން ފެނިގެންދާއިރު، އޭނާ ހުރީ އެ ފިލްމުގެ ޑައިރެކްޓަރު ދެކެ ރުޅިއައިސްކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރެން ފަށައިފި އެވެ.

ހިންދޫ ދީނުގެ ވާހަކަތަކަށް ބިނާކޮށް އެ ފިލްމު ކުޅޭއިރު، ފިލްމުގެ ބަތަލެއްގެ ރޯލު ކުޅެނީ ޕްރަބާސް އެވެ. އަދި ބަތަލާގެ ރޯލު ކްރިތީ ކުޅޭއިރު، ފިލްމުގައި ނެގެޓިވް ރޯލަކުން ސައިފް ފެނިގެންދާނެ އެވެ.

މަޝްހޫރު އަދި ކާމިޔާބު ފިލްމުތައް ކުޅެދީފައިވާ ފަންނާނުން އަދިޕުރުޝް ކުޅުނު ނަމަވެސް އިއްްޔެ ނެރުނު އެ ފިލްމުގެ ޓީޒާއާއެކު ފޭނުންނަށް ޓީޒާ އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ.

އެގޮތުން މިހާތަނަށް ޓީޒާއިން ފެނުނު ފިލްމުގެ ޑައިލޮގްތަކަށް އާންމުން ފާޑުކިޔާފައިވާއިރު، ފިލްމުގެ އެޑިޓިން ކޮލިޓީ ވެސް ކަމުނުދާކަން އާންމުން ފާހަގަކޮށްފައިވެ އެވެ. އަދި މިއީ ފިލްމު "ބާހޫބަލީ" ފަދަ ކާމިޔާބު ފިލްމުތައް ކުޅުމަށްފަހު ޕްރަބާސްގެ ކެރިއަރުގައި އެންމެ ނާކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ފޭނުން ލަފާކޮށްފައިވެ އެވެ.

އެއަށްފަހު ޕްރަބާސް އެ ފިލްމުގެ ޑައިރެކްޓަރު އޯމް ރައުތްއަށް ނުރުހުންވެފައި ހުރި ޒާތަކަށް ގޮވައި، ކޮޓަރިއަށް އަންނަން ބުނުމުން، އާންމުންނަށް ވަނީ ފިލްމާއި ގުޅިގެން ޕްރަބާސް ހިތްހަމަ ނުޖެހިފައި ހުރި މިންވަރު އޭނާގެ މޫނުމަތިން ފެނިފަ އެވެ. އަދި އޭގެ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލްމީޑިއާގައި އާންމުވަމުންނެވެ.

އެ ފިލްމު މީގެ ކުރިން ނެރުމަށް ހަމަޖެހިފައި އޮތީ އޮގަސްޓު މަހުގަ އެވެ. އެހެން ނަމަވެސް އެ ފިލްމް ރިލީޒްކުރާ ތާރީހު މިހާރު ވަނީ އަންނަ އަހަރުގެ ޖެނުއަރީ އަށް ބަދަލުކޮށްފަ އެވެ.