ކީވް (05 އޮކްޓޯބަރު) - ރަޝިއާގެ ފަރާތުން ކުރިމަތިވެދާނެ ނިއުކްލިއާ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން ޔޫކްރެއިންގެ ވެރިރަށް ކީވްގެ އިވެކުއޭޝަން ސެންޓަރުތަކަށް އައޮޑިންއާއި ޕޮޓޭސިއަމް ބޭސް ގުޅަތައް ބަހަން ފަށައިފި އެވެ.

އައޮޑިންއާއި ޕޮޓޭސިއަމް ގުޅަތަކަކީ ނިއުކްލިއާ މާއްދާތަކަށް ހުށައެޅުމުގެ ކުރިން ނުވަތަ އޭގެ ކުޑައިރުޅެއް ތެރޭގައި ބޭނުންކޮށްފި ނަމަ ނިއުކްލިއާ ރޭޑިއޭޝަންގެ އަސަރު ހަށިގަނޑަށް އެތެރެވުން ކުޑަކޮށްދޭ ބޭސްތަކެކެވެ.

ކީވްގެ ސިޓީ ކައުންސިލުން ބުނީ އިވެކުއޭޝަން ސެންޓަރުތަކުގެ އިތުރުން އަމިއްލަ ގޭބިސީތަކާއި ވިޔަފާރިތަކަށް ވެސް ބޭސް ދޫކުރަމުން އަންނަ ކަމަށެވެ.

ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާގެ ފުރިހަމަ ބާރު ބޭނުން ކުރާނެ ކަމަށް ބުނެ އެގައުމުގެ ރައީސް ލަމިޑިއާ ޕުޓިން އިންޒާރު ދެއްވާފައިވާއިރު ޔޫކްރެއިނުން މިވަނީ އެފަދަ ހާލަތަކަށް ތައްޔާރުވާން ފަށާފަ އެވެ.

ޔޫކްރެއިނުން މި ފިޔަވަޅު އަޅާފައި މިވަނީ ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ޔޫކްރެއިންގެ ހަނގުރާމަ ބޭނުން ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް ނޭޓޯއިން އެ ޖަމާއަތުގެ މެމްބަރުންނަށް އަންގާފައި ވަނިކޮށެވެ.

ރަޝިއާގެ ފަރާތުން ޝައްކު ކުރެވޭ އަމަލެއް މިހާތަނަށް ފެެނިފައި ނުވި ނަމަވެސް އެގައުމުގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ނޭޓޯއިން ބުނެފައިވެ އެވެ. -- ޑެއިލީ މެއިލް