މާ ގިނައިން ނޭވާ ކުރުވުމަކީ ހިތް ހުއްޓުމަށް މެދުވެރިވާ ސަބަބެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ދިރާސާގައި އިސްކޮށް ހުންނެވި ޔުނިވާސިޓީ އޮފް ގޮތެންބާގްގެ ނަސްސާ އަހްމަދީ އޭނާގެ ދިރާސާ ރިޕޯޓްގައި ވިދާޅުވެފައި ވަނީ ނޭވާ ކުރުވުމަކީ ސިއްހީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެއީ ހާޓް ފެއިލިއާ އަކަށް މެދުވެރިވެދާނެ ސަބަބެއް ކަމަށެެވެ.

“ނޭވާ ކުރުވުމަކީ ހިތް ހުއްޓުމަށް ނުވަތަ ލަންގް ޑިޒީސް އަކަށް މެދުވެރިވެދާނެ ސަބަބެއް. ސަބަބަކީ މިއީ ވަރަށް ކައިރި ކައިރީގައި އިންނަ ދެ ގުނަވަނަށް ވާތީ،”ނަސްސާ އަހްމަދީ ވިދާޅުވި އެވެ.

މި ދިރާސާގައި އިތުރަށް ބުނެފައި ވަނީ ނޭވާ ކުރުވުމަކީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށްވެސް މެދުވެރިވެދާނެ ސަބަބެއް ކަމަށެވެ.

“ނޭވާ ކުރުވުމަކީ ހިތް ހުއްޓުމަށް މެދުވެރިވާ ސަބަބެއްކަން ގިނަ ބަޔަކަށް އެނގޭ ނަމަވެސް އެ ކަމަށް ފަރުވާއެއް ނުބަހައްޓާ. މާ ބޮޑަށް ނޭވާ ކުރުވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ އެހީ ހޯދަންވާނެ،” އަހްމަދީ ބުންޏެވެ.

ހަ ހަފްތާއަށްވުރެ ގިނަ ދުވަސް ވަންދެން ނޭވާ ކުރުވުމުގެ މައްސަލަ ދިމާވެފައިވާ ބައެއް މީހުން ޑޮކްޓަރަށް ދެއްކިއިރު ހިތް ހުއްޓުމާއި ކައިރިވެފައިވާ ކަމަށާއި އަދި ބައެއް މީހުންނަށް ޕުއްޕާމޭގެ ބަލި ޖެހިފައިވާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.