ކާސަން (08 އޮކްޓޯބަރު) - ދެކުނު ޔޫކްރެއިންގެ 2،400 އަކަ ކިލޯމީޓަރުގެ ބިން ޔޫކްރެއިންގެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ޔޫކުރެއިންގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ކާސަން ހިމެނޭ ގޮތަށް ދެކުނުގެ ބޮޑު ސަރަހައްދެއް ޔޫކުރެއިނުން އެ ގައުމުގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށާއި އެ ސަރަހައްދުތަކުގައި ދިރިއުދޭ މީހުން އެހެން ތަންތަނަށް ބަދަލު ކުރުމުގެ ކަންކަން މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.

ދެކުނު ޔޫކްރެއިންގެ ސަރަހައުދުތަކަށް އުމްރާނީ ގިނަ ގެއްލުންތަކެއް ލިބިފައިވާއިރު އެ ސަރަހައްދުގައި އާއްމުން އާބާދުވެ އުޅެވޭ ވަރު ނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ދެކުނު އަދި އިރުމަތީ ޔޫކުރެއިންގައި ރަޝިއާގެ މައްޗަށް ޔޫކްރެއިންއިން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން އެ ސަރަހައްދުން ރަޝިއާގެ ސިފައިން ވެސް ދަނީ ފައިބަމުންނެވެ.

ޔޫކްރެއިންއިން މި ކާމިޔާބީތައް އިއުލާން ކޮށްފައި މިވަނީ އިރުމަތީ ޔޫކްރެއިންގެ ޑޮނަސްކް ހިމެނޭ ގޮތަށް ހަތަރު ސަރަހައްދެއް ރަޝިއާގެ އަތްދަށަށް ރަސްމީކޮށް ގެނެސްފައި ވަނިކޮށެވެ.