ބަނޑުގައި ވައި ހެދުމަކީ ވަރަށް ވޭންހުރި އަދި އެހާމެ މީހާ ލަދުވެތި ކަމެކެވެ. އާއްމު ދިރިއުޅުމުގައި ގިނަ ބަޔަކަށް ދިމާވާ މި އުނދަގުލަކީ ވަރަށް ފަސޭހައިން ހައްލުވެސް ކޮށްލެވިދާނެ ކަމެކެވެ.

އެންމެ ފުރަތަމަ ކުރެވިދާނެ އެންމެ ފަސޭހަކަމަކީ ގޭސްވާފަދަ ކާނާ ކެއުމުގައި ނުކެއުމެވެ. ޚާއްސަކޮށް މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން އާފަލު، ބްރޮކޮލީ، ބްރަސެލްސް ސްޕްރައުޓް އަދި ފިޔާފަދަ ބަނޑުގައި ވައި ހެދެން މެދުވެރިވާ ކާ އެއްޗިއްސާ ދުރުވުމެވެ. މީގެ އިތުރުން ވެސް ކިރު، ޗީޒް އަދި އައިސް ކްރީމްއާއިވެސް ދުރުވާންޖެހެ އެވެ. މި ދެންނެވުނު ކާއެއްޗިއްސަކީ ފަސޭހައިން ގޭސް އުފެދުމަށް މެދުވެރިކުރުވާ ކަހަލަ ބައެއް ކާނާ ތަކެކެވެ.

ދެން ކުރެވިދާނެ އަނެއްކަމަކީ ކެއުމުގެ 30 ވަރަކަށް މިނެޓުކުރިން ކޮންމެވެސް ވަރަކަށް ފެން ބުއިމެވެ. ކޮންމެ ގަޑިއެއްގެ ވެސް ކެއުމުގެ 30 މިނެޓު ކުރިން ދެ ތިން ފެންތަށި ބުއިމުން މީހާގެ ގޮހޮރު ސާފުކޮށްދީ ކާއެއްޗިހި ހަޖަމުކުރުމަށް ތައްޔާރުކޮށްދޭއިރު ބަނޑުގައި ހުންނަ އެސިޑްތައްވެސް މަދުކޮށްދޭނެ އެވެ.

ސިނގިރޭޓް ނުވަތަ ޗުވިންގް ގަމް ކެއުމަކީވެސް މީހާ ގޭސްކުރުވާ ކަންކަމެކެވެ. އަދި ދިޔާ އެއްޗިހި ބުއިމުގައި ހޮޅި ބޭނުންކުރުމަކީވެސް ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ އެއިން ގޮހޮރަށް ވައި ވަނުމުގެ ބޮޑު ފުރުސަތު އޮތުމެވެ.

އޭގެ އިތުރުން ލަސްލަހުން ކައިބޮއެ ހެދުމަކީވެސް ވައި ހެދުމުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނާއިރު ހަމަޖެހިގެން ކެއުމުން މީހާގެ ހަށިގަނޑަށް އެތެރެވާ ކާއެއްޗިހި ވަކިކޮށް އަދި ހަޖަމު ކުރުމަށް ފަސޭހަވެގެންދެ އެވެ.

މި ދެންނެވުނު ކަންކަމަކީ ގޭސްވުމުން ސަލާމަތްވުމަށް ކުރެވިދާނެ ފަސޭހަ ބައެއް ކަންކަމެވެ.