ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި 3 ބިލެއް މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ގާސިމް އިބްރާހީމް މަޖިލީހަށް ހުށައަޅުއްވާފައިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނާ ދެކޮޅު އަމަލުތައް ހިންގާ މީހުންނަށް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބުގެ ދަރަޖަ ބޮޑު ކުރުމަށާއި، މެމްބަރުންގެ އަދަދު އިތުރުވިޔަ ނުދިނުމަށެވެ.

ލިވާތު ކުރުމާއި ސިހާގު ކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް ޖިނާއީ އިޖުރާއަތު ގާނޫނަށް ހުށައަޅާފައިވާ އިސްލާހު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ނުވަ މެންބަރުންނެވެ. ނުފެންނަ ކަމަށް 24 މެންބަރުން ވޯޓު ދެއްވި އެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ގާސިމް ވިދާޅުވެފައިވަނީ، މި އިސްލާހު ހުށަހެޅުއްވީ ލިވާތު ކުރުމާއި ސިހާގު ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެންޖެހޭ ކުށްތަކެއްކަމަށް ގަބޫލު ކުރައްވާތީ ކަމުގަ އެވެ.

އިސްލާމް ދީނާ ދެކޮޅު އަމަލު ހިންގުން ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވަނީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. ގާސިމް އިސްލާހު ހުށަހެޅުއްވީ އެ ކުށް ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމުގައި ކަނޑައެޅުމަށެވެ. މިއީ 10 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ ކުށެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރުނުވާ ގޮތަށް ގާނޫނުއަސާސީގައި ކަނޑައެޅުމަށް މަޖިލިހަށް ވެއްދި އިސްލާހު ބޭރުކޮށްލީ 25 މެމްބަރުންގެ ވޯޓުންނެވެ. ޖަލްސާގައި 40 މެމްބަރުން ހާޒިރުވެ ތިއްބެވިއިރު އެ އިސްލާހާ އެއްކޮޅަށް ވޯޓު ދެއްވީ ހަތް މެމްބަރެކެވެ.

ގާނޫނުއަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.