ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ޗައިނާގެ ބޭންކްތަކަށް ރާއްޖެއިން 15 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ޗައިނާ ސަފީރު ޒާން ލީ ޒޮންގް ދޮގު ކުރައްވައިފި އެވެ.

ކުރީގެ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ދިވެހި މާލިއްޔަތުން ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު ޗައިނާގެ އެކި ބޭންކްތަކަށް ދައްކަން ޖެހިފައިވާއިރު، މިހާތަނަށް އެއިން އެންމެ ބޭންކްއަކުން ވެސް ލޯނު ދެއްކުމުގައި އެއްވެސް ލުޔެއް ދީފައި ނުވާ ކަމަށެވެ.

"މިއީ ކުރިއަށް އޮތް 14 ދުވަހު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އަމްދާނީގެ 50 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް. ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ހާލަތު ރަނގަޅުވަމުންދާ ދަނޑިވަޅުގައި ދިވެހި އިގްތިސާދަށް ނޭވާ ލާނެ ޖާގަ ވެސް ބޭނުންވޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އެ ޓުވީޓަށް ރައްދު ދެއްވަމުން ސަފީރު ވިދާޅުވީ، ބޭންކްތަކުން ދިން މައުލޫމާތަށް ބަލާއިރު، ރާއްޖެއިން، 14 ތެރޭގައި ތެރޭގައި ޗައިނާގެ ބޭންކްތަަކަށް ދައްކަން ޖެހޭ 15 މިލިއަން ޑޮލަރު ޕޭމެންޓެއް ނެތް ކަމަށެވެ.

"އެކައުންޓް ފޮތްތައް ބައްލަވާލައްވާ،އަދި ބަޖެޓަށް އެ ފައިސާ ރައްކާކޮށްލައްވާ،" މަލާމާތުގެ ރާގަކަށް ޗައިނާ ސަފީރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިންގި ތަރައްގީގެ ގިނަ މަޝްރޫއުތަކަށް ފަންޑުކުރީ ޗައިނާގެ އެކިއެކި ބޭންކުތަކުންނެވެ.

ރައީސް ނަޝީދު އެ ގޮތަށް ވިދާޅުވެ ޓްވީޓެއްކުރެއްވިއިރު ރާއްޖެއާއި ޗައިނާއާ ދެމެދު މަޝްވަރާ ބައްދަލުވުންތަކެއް އިއްޔެ ބާއްވާފައިވެ އެވެ. އަދި ޗައިނާ ސަރުކާރަށް ދައްކަން ޖެހޭ ދަރަނި ދެއްކުމުގައި ޗައިނާއިން ލުއި ދީފައިވާ ކަން ދިވެހި ސަރުކާރުން ވެސް ބުނެފައިވެ އެވެ.

ރައީސް ނަޝީދު އަބަދުވެސް ގެންދަވަނީ ޗައިނާއަށް ދައްކަން ޖެހޭ ލޯނާ ބެހޭ ގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެމަނިކުފާނު ސިފަ ކުރައްވާ ގޮތުގައި ޗައިނާއިން އުމްރާނީ ބިނާތަކަށް އިންވެސްޓްކޮށްފައިވާ އަދަދުތަކާއި ރާއްޖެއިން އަނބުރާ ދައްކަން ޖެހޭ ލޯނުތަކަކީ "ދަރަނީގެ ދަންތުރަ" އެކެވެ. ނަޝީދު ވަނީ އެ މޭރުމުން އެކި ފޯރަމްތަކުގައި އެގޮތަށް ވާހަކަދައްކަވަައިފަ އެވެ.