ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އަޒުހާނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ޕޯސްޓުމޯޓަމް ރިޕޯޓުން ހާމަވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އަޒްހާންގެ ހަށިގަނޑު ފެނުނުއިރު ވެސް ގިނަ ދުވަސްވުމުން ކުނިވެ ހާލުވެފައިވުން ފިޔަވައި އޭނާގެ ހަށިގަނޑަށް މީހަކު ދީފައިވާ ބޮޑެތި އަނިޔާތަކެއް ޕޯސްޓުމޯޓަމްއިން ފާހަގަވެފައި ނުވާ ކަމަށެވެ.

އަޒްހާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ގެންދިޔައީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

އަޒުހާން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނީ ހުޅުމާލޭގައި ހުންނަ ވޯޓާ ޕާކް ކުރިމަތީގައިވާ ހުސް ބިމުންނެވެ. އޭނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

ފުލުހުން އިތުރަށް ބުނީ މިމަރާއި ގުޅިގެން ފުލުހުންގެ ތަހުގީގް މިހާރުވެސް ކުރިއަށްދާއިރު މިކަމުގައި ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށެވެ. އަދި މިމައްސަލާގައި ތުހުމަތު ކުރެވޭ މީހަކު އަދި ނެތްކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.