ކީވް (15 އޮކްޓޯބަރު) - ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައި ރަޝިއާއިން ޖާނުން ފިދާވެގެން ފޮނުވާ ޑްރޯންތަކުގައި އީރާނުގެ ރައްޔިތުން ބޭނުންކުރަމުން އަންނަ ކަމަށް ޔޫކްރެއިނުން ބުނެފި އެވެ.

ޔޫކްރެއިންގެ ނެޝަނަލް ރެސިސްޓަންސް ސެންޓަރުން ބުނީ ޝަހީދު -136 މޮޑެލްގެ ޑްރޯންތައް ލޯންޗު ކުރުމުގައި ރަޝިއާއިން އީރާނަށް ނިސްބަތްވާ އިންސްޓްރަކްޓަރުން ބޭނުން ކުރަމުން އަންނަ ކަމަށެވެ.

މި ޑްރޯންތަކަކީ ޖާނުން ފިދާވެގެން ލޯންޗު ކުރެވޭ ޑްރޯން ތަކަކަށްވާއިރު ރަޝިއާއިން އީރާނުގެ އޮފިޝަލުން ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ސެންޓަރުން ނެރުނު ރިޕޯޓުގައިވެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މި ޑްރޯންތައް ފޮނުވާލާފައިވަނީ ޔޫކްރެއިންގެ ކޭރްސަން ސަރަހައްދުންނެވެ. މިހާތަނަށް މީގެ އެތައް ޑްރޯންއެއް ފޮނުވާލާފައިވެ އެވެ.

ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއަށް ވާގިވެރިވާ ކަމުގެ ތުހުމަތު ހުޅަނގާއި އެމެރިކާއިން އީރާނަށް ކުރި ނަމަވެސް އެ ތުހުމަތުތައް އީރާނުން ދޮގު ކުރެ އެވެ.

މިކަމާ ގުޅިގެން ފްރާންސްގެ ފޮރިން މިނިސްޓްރީއިން ބުނީ އީރާނުން ރަޝިއާއަށް ޑްރޯން ފޮނުވުމަކީ އދގެ ސަލާމަތީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމާ ޚިލާފުވާ ކަމެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އީރާނާއި ހުޅަނގުގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. -- އަލް އަރަބިއްޔާ