ކުޑަކުދިންގެ މެދުގައި މަގުބޫލު ޗެނަލެއް ކަމަށްވާ ކާޓޫން ނެޓްވޯކް ހުއްޓާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.

މީޑިއާގައި ކާޓޫން ނެޓްވޯކް ހުއްޓާލާ ވާހަކަ ދެކެވެން ފެށުމާ ގުޅިގެން އެކަން ދޮގުކޮށް ކާޓޫން ނެޓްވޯކުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އެ ޗެނެލް އަދި މަރުނުވާ ކަމަށާއި އެ ޗެނަލަށް މިއަހަރު 30 އަހަރު ފުރޭނެ ކަމަށެވެ.

ކާޓޫން ނެޓްވޯކް ހުއްޓާލާ ވާހަކަ މީޑިއާގައި ތިލަވެފައި ވަނީ އެ ކުންފުނީގެ މުވައްޒަފުން މަދުކުރަން އުޅޭ ކަމަށް މިޑިއާގައި ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. އެގޮތުން ވޯނާ ބްރޮސް ޓެލެވިޝަން ގްރޫޕް (ޑަބްލިއުބީޓީވީޖީ) އާ ހަވާލާދީ އޭބީސީ ނިއުސް އިން ބުނެފައި ވަނީ ކާޓޫން ނެޓްވޯކްގެ މުވައްޒަފުންގެ އަދަދު 26 ޕަސެންޓް މަދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިކަމަކީ އެ ޗެނެލަން ހުއްޓާލަން އަޅާ ފިޔަވަޅެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އިއްޔެ ޓްވިޓާގައި #ރިޕްކާޓޫންނެޓްވޯކް ޓްރެންޑްކޮށްފައިވެ އެވެ.

ކާޓޫން ނެޓްވޯކް މަޝްހޫރު ކޮންޓެންޓްގެ ތެރޭގައި "ޓޮމް އެންޑް ޖެރީ" އާއި "ސްކޫބި ޑޫ" އާއި "ލޫނީ ޓޫލްސް" އާއި "ޕަވަ ޕަފް ގާލްސް" އާއި "ޑެކްސްޓާސް ލެބެރެޓަރީ" ފަދަ އުފެއްދުންތައް ހިމެނެ އެވެ.

ކާޓޫން ނެޓްވޯކް ވުޖޫދަށް އައީ އޮކްޓޯބަރު 1، 1992 ގަ އެވެ.