އެމްޓީސީސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފްލެޓު އިމާރާތްކުރުމުގެ މަޝްރޫއު އަލުން ފެށުމަށްޓަކައި އެޗްޑީސީން ބިން ހަމަޖައްސައިފި އެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުވައްޒަފުންނަށް ފްލެޓު ދިނުމުގެ މަޝްރޫއު އަލުން ފެށުމަށްޓަކައި ބިމެއް ހަމަޖައްސައިދިނުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީގެ އިސްނެންގެވުމުގެ މަތިން ރައީސް އޮފީހުގައި އެދިފައިވާ ކަމަށެވެ. އެއާއެކު އެމްޓީސީސީއަށް ބިމެއް ހަމަޖައްސައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ އެޗްޑީސީ އަށް ސިޓީއަކުން ދަންނަވައިފަ އެވެ.
މި މަޝްރޫއަށް ބިމެއް ހަމަޖެއްސުމުގެ މަޝްވަރާތަކަށް އެމްޓީސީސީގެ އިސްވެރިން ވަނީ މި ހަފުތާ ތެރޭގައި އެޗްޑީސީއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އަދި ދެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްޓީސީސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން 1400 ފްލެޓު ހިމެނޭ 15 ބުރީގެ ދެ ޓަވަރު އަޅަން ފުރަތަމަ ނިންމީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެކަމަށްޓަކައި ހުޅުމާލެއިން 24،000 އަކަފޫޓުގެ ބިމެއް އެޗްޑީސީން އޭރު އެމްޓީސީސީއަށް ދިނެވެ.
ސިންގަޕޫރުގެ އާރުއައި އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްގެން 2019 ވަނަ އަހަރު ތެރޭ އެ މަސައްކަތް ފަށައި، ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން ވެސް އަޅާފައި ވަނިކޮށް އެމްޓީސީސީން އެ އެއްބަސްވުން ބާތިލުކުރީ 2020 ވަނަ އަހަރު ތެރޭގަ އެވެ. އެ މައްސަލަ އޭރު ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ނިންމީ އެއީ އެ ކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫން ކަމަށެވެ.
އެމްޓީސީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން އަޅަން އުޅުނު ޓަވަރުތަކުގެ މަސައްކަތް ހުއްޓި ފްލެޓުތައް ވުޖޫދަށް އައިސްފައިނުވުމަކީ މުވައްޒަފުން އިންތިހާއަށް މާޔޫސްވި ކަމެއް ކަމަށެވެ. އަދި މިއީ މުވައްޒަފުންގެ ހެވާއި ލާބައަށް ކޮންމެހެންވެސް ކޮށްދޭންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ކުންފުނީގެ ބޯޑުންނާއި މެނޭޖްމަންޓުން ގަބޫލުކުރާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ގާޒީ އިހްސާން ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި
އެނީމިއާ: ސަބަބަކީ ހަމައެކަނި ދަގަނޑުގެ ބައި މަދުވުމެއް ނޫން!
