މޮސްކޯ (16 އޮކްޓޯބަރު) - ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވާން ތަމްރީނުތައް ފުރިހަމަ ކުރަމުން ދިޔަ ރަޝިއާގެ ވޮލަންޓިއަރުން ތަކެއް ތަމްރީނުތައް ކުރިއަށް ސަރަހައްދަކަށް ބަޑިން ހަމަލާ ދީފި އެވެ.

ރަޝިއާގެ އާރްއައިއޭ ނިއުސް އެޖެންސީއިން ބުނީ މި ހަމަލާގައި 11 މީހަކު މަރުވެފައިވާއިރު އިތުރު 15 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

ޔޫކްރެއިންއާއެކު ބޯަޑަރު ހިއްސާކުރާ ބެލްގޮރޮޑްގައި ދިން މި ހަމަލާ ދީފައިވަނީ ކުރީގެ ސޮވިއެޓް ގައުމަކަށް ނިސްބަތްވާ މީހެއް ކަމަށް ބުނެވުނު ނަމަވެސް އިތުރު ތަފްސީލެއް ލިބިފައެއް ނުވެ އެވެ. އޭނާ ވަނީ ހަމަލާއަށްފަހު މަރާލެވިފަ އެވެ.

"އަމިއްލައަށް އިސްނަގައިގެން ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވާން ތަމްރީން ހަދަމުން ދިޔަ ވޮލަންޓިއަރުން ތަކެއް ތަމްރީނު ހަދަމުން ދިޔަ ސަރަހައްދުގައި ޓެރަރިސްޓަކު ވަނީ ބަޑީގެ ހަމަލާ ތަކެއް ދީފައި،" ރަޝިއާގެ ޑިފެންސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައިވެ އެވެ.

އެ ބަޔާނުގައި ރަޝިއާއިން ވަނީ މި ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ގޮތުގައި ސިފަކޮށް އެންމެ ހަރުކަށި އިބާރާތުން ހަމަލާ ކުށްވެރިކޮށްފަ އެވެ.

ބެލްގޮރޮޑްގެ އޮފިޝަލުން އަންނަނީ އެ ސަރަހައްދަށް އެކި ފަހަރުމަމިން ހަމަލާ ދިނުމުގެ ތުހުމަތު ޔޫކްރެއިންއަށް ކުރަމުންނެވެ. -- އަލް އަރަބިއްޔާ